ލ. އަތޮޅު، އައްޑޫ އަދި ފުވައްމުލައް ސިޓީގައިވެސް ބަހުގައި ކަރުދާސް ޓިކެޓް ވިއްކަން ފަށައިފި

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައިވެސް މިނީބަހުގައި ކަރުދާސް ޓިކެޓް ވިއްކަން ފަށައިފި އެވެ. މިހާތަނަށް ކަރުދާސް ޓިކެޓު ވިއްކީ މާލޭގައި ދެމުންދާ މިނީ ބަހުގެ ހިދުމަތުގައި އެކަންޏެވެ. އެއީ...

15 Oct 2022 | 04:44

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައިވެސް މިނީބަހުގައި ކަރުދާސް ޓިކެޓް ވިއްކަން ފަށައިފި އެވެ.

މިހާތަނަށް ކަރުދާސް ޓިކެޓު ވިއްކީ މާލޭގައި ދެމުންދާ މިނީ ބަހުގެ ހިދުމަތުގައި އެކަންޏެވެ. އެއީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

އެމްޓިސީސީން ބުނީ މިއަދުން ފެށިގެން އަތޮޅު ތެރޭގައިވެސް ކަރުދާސް ޓިކެޓު ވިއްކަން ހަމަޖެއްސީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ފަސޭހައަކަށްކަމަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ކަރުދާސް ޓިކެޓު ވިއްކާނީ ހަމައެކަނި ބަހުން ކަމަށެވެ. އެ ޓިކެޓުގެ ފައިސާ އަޅަން ބަސްތަކުގައި ފޮއްޓެއް ހުންނާނެ ކަމަށާއި ފައިސާ ލާންވާނީ ހަމައަށް ކަމަށް ބުނެ އެވެ.

މާލެއެކޭ އެއްގޮތަށް ގިނައިން ފައިސާ ފޮއްޓަށް ލިޔަސް ބާކީ ރުފިޔާ ނުލިބޭނެ އެވެ. އެމްޓީސީސީން އެގޮތަށް ހަމަޖައްސާފައިވަނީ ބަސް ސްޓޮޕްތައް ހުންނަލެއް ކައިރިވުމުން ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށްކަމަށާއި ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނެވެ.

ބަހުން ޓިކެޓު ގަނެވުނަސް ކުރިއެކޭ އެއްގޮތަށް މި ތިން ސަރަޙައްދުގައިވެސް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރް ޓިކެޓް ނަގެވޭނެ އެވެ.

އެ ތިން ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. މި 3 ސަރަޙައްދުގައި މިނީބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ފޯރުކޮށްދެމުން އަންނަނީ ފަސް ރުފިޔާއާއި، 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް 23 ބަހެއް ބޭނުން ކުރެ އެވެ. އެއީ ލ. އިސްދޫއާއި ކަލައިދޫއަށް ދެ ބަސް، ލ. ގަމަށް އަދި ގުޅިފައިވާ ރަށްތަކަށް ހަތަރު ބަސް، ފުވައްމުލައް ސިޓީއަށް ހަތަރު ބަސް އަދި އައްޑޫ ސިޓީއަށް 13 ބަސް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް