ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިއަތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ. ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.
ފާއިތުވި ދުވަސްތަކަށް ބަލާލާއިރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުކަމަށް މެޓުން އެންމެ ފަހުން ބުނެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އެ ތާރީހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ކެރީގެ އަސަރު ކުރަމުން އަންނައިރު އެންމެ ފަހުން މިދިޔަ މިދިޔަ ބުދަ ދުވަހު މެޓުން ބުނެފައިވާގޮތުގައި މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު (މާދަމައާއި ހަމައަށް) މޫސުން ގޯސްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް