އިންތިހާބީ މައްސައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:00ގައި
ރިޔާސީ އިންތިހާބު ބާތިލު ކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ތާވަލުކޮށްފިއެވެ.
ފަހު އަޑުއެހުން މާދައަށް ތާވަލުކޮށްފައިވާއި އިއްޔެ އަދި މިއަދުވެސް އެ މައްސަލައިގެ ދެ އަޑުއެހުމެއް ކުރިއަށްގެންގޮސްފައިވެއެވެ. އިއްޔެގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވާފައިވާއިރު އިލެކްޝަންސްގެ ވަކީލުން ބުނެފައިވަނީ އެ މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް މައްސަލައެއް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ އިންތިހާބު އޮޅުވާލަން، ފާހަގަލެވޭ އަނގޮޓިތައް ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި ކަމަށާއި އެކަން ސާބިތު ކުރުމަށް ސިއްރު ތިން ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ބްރޭކެއް ނެގީ ސިއްރު ހެކި ބަލައިގަތުމާއިމެދު މެންދުރު ފަހު ގޮތެއް ނިންމާނެކަން ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރައްވަމުންނެވެ. ނަމަވެސް މެންދުރުފަހުވެސް އެކަމާއިމެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް މިއަދު ނިންމާލީ އެކަމާއިމެދު މާދަމާ ގޮތެއް ނިންމާނެކަން ފަނޑިޔާރުންގެ ބެންޗުންއ އިއުލާނު ކުރައްވަމުންނެވެ.
ދސްތޫރީ މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފުލް ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، އާއި ފަނޑިޔާރު ޢަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް