ބުރިޖު ސަރަހައްދުގައި ނިއު ޕޯޓްގެ މައި ކުންފުނި ސްޓްރާޑާ އިން އިމާރާތް ކުރި "ޗާ ޓައިމް" ރިންގު ރޯޑް ހަދަން ތަޅާލަން ޖެހުމުން، ބަދަލުގައި ސްޓްރާޑާ ކުންފުންޏަށް 15 މިލިޔަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.
ބްރިޖް ވިއު ޕްލެޓްފޯމަށް ވާގޮތަށް އިމާރާތް ކޮށްފައިވާ "ޗާ ޓައިމް" ތަޅާލީ، ބްރިޖަށް ދަތުރުކުރާ ރިންގު ރޯޑު ފުޅާ ކުރުމަށެވެ.
އެ ފައިސާ ނުދީ މަޑުޖައްސާލަން އޭސީސީން އަންގާފައިމިވަނީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭސީސީ އިން ހައުސިން އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، ޗާޓައިމްގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެ ފައިސާ ވަރަށް އަވަހަށް ނިއު ޕޯޓަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލައި ވަކި އެއްޗެއް އަންގަންދެން ފައިސާ ދޫނުކުރުމަށެވެ. އަދި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފޮނުވަން ވެސް ހައުސިން މިނިސްޓްރީ އަށް އަންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް