މީރާ މުވައްޒަފުންގެ އުސޫލުތައް ލުއި ކޮއްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ލުއި ކޮއްފިއެވެ. މީރާގެ މުވައްޒަފުން ކޮންމެ ދުވަހަކު ނުވަ ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި މީރާ...

15 Oct 2018 | 07:17

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ލުއި ކޮއްފިއެވެ.

މީރާގެ މުވައްޒަފުން ކޮންމެ ދުވަހަކު ނުވަ ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި މީރާގެ ޕޯސްޓްތައް ޝެއާކުރަން ޖެހުން ފަދަ އުސޫލުތަކާ އެކު، ގިނަ ކަންތައްތަކެއް އުވާލަން އެ އޮތޯރިޓީން ނިންމައިފި އެވެ.

މީރާއިން މިދިޔަ ބުދަ ދުވަހު މުވައްޒަފުނަށް އަންގާފައިވާ ގޮތުން ދެން އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އެވެ. ކުރިން ނަމަ ހެނދުނު ރަސްމީ މަސައްކަތު ގަޑިއަކީ 8:00 އިން ހަވީރު 5:00 ކަށެވެ.

މީގެ ކުރިން މީރާގެ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް މުވައްޒަފުންގެ އެކައުންޓްތަކުން ޝެއާ ކުރުމުން ވަޒީފާގެ ޕާފޯމަންސް ބަލާއިރު މާކްސްދޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެކަން ވެސް އުވާލައި، އިތުރު ގަޑީގައި ކުރާ މަސައްކަތަށް މާކްސް ދިނުން ވެސް އާ ބަދަލާ އެކު ހުއްޓާލަން ވަނީ ނިންމާފައެވެ.

މީރާގެ މުވައްޒަފުންނަށް ހޮނިހިރު ދުވަހަކީ ވެސް ރަސްމީ ދުވަހެކެވެ. ނަމަވެސް އާ ބަދަލާ އެކު ރޯދަ މަހުގެ ހޮނިހިރު ދުވަސްތައް ބަންދުވާނެ އެވެ.

މީރާގެ މުވައްޒަފުންގެ ބޭސިކް ސެލަރީގެ އިތުރުން ލިބޭ އެލަވަންސް ހައްގުވާ މިންގަނޑަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. ކުރިން އޮންނަ އުސޫލުން ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބެނީ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް އައުމާ އެކު އިތުރު ގަޑީގެ ގޮތުގައި 15 ގަޑިއިރާ 45 މިނެޓް މަސައްކަތް ކުރުމުންނެވެ.

ނަމަވެސް މިހާރު ހަމަޖެއްސާފައިވާ ގޮތުން ނަމަ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް ނުކުމެއްޖެ ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބުނު ކަމުގައި ވީނަމަވެސް، ހޮނިހިރު ދުވަހުގެ އެލަވަންސް ލިބޭނީ އެ ދުވަހު އޮފީހަށް ނުކުމެ، ހަތް ގަޑިއިރު މަސައްކަތް ކުރުމުންނެވެ.

އެބަދަލުތައް ގެނައީ 200 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ މީރާގެ ބޯޑަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު މިދިޔަ ހަފްތާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް