މޫސުމަށް އަންނަ ބަދަލުތަކާއެކު ރޯގާ ޖެހުމަކީ ބައެއް ފަހަރު އާންމު ކަމެކެވެ. ނަމަވެސް ތިބާ އަކީ މާ ގިނަ ގިނައިން އަރިދަފުސް ރޯޖާ ޖެހޭ މީހެއް ކަމުގައިވާނަމަ އެހެން އެކަން ދިމާވަނީ މި ސަބަބުތަކާހެދި ކަމަށް ވެދާނެއެވެ.
އަތް ދޮވުމަށް ފަރުވާ ކުޑަވުން
އާއްމު އަރިދަފުސް ރޯގާގެ ވައިރަހަކީ ވަރަށް ފަސޭހައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ހިނގައިދާނެ ވައިރަހެކެވެ. އެ ވައިރަސް ދަތުރު ކުރުމުގެ އެއް ޒަރީއާއަށް ވެފައި އޮންނަނީ އަތެވެ. ރޯގާ ޖެހިފައި ހުރި މީހަކު އަތް ލާފައި ހުރި ތަނެއްގައި އަތް ލުމުން އަތުގެ ޒަރީއާއިން އެ ވައިރަސް ފެތުރޭގޮތް މެދުވެރިވެއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒަސް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން ލަފާދެއްވާގޮތުގައި އަތް ދޮންނައިރު މަދުވެގެން 20 ސިކުންތު އެކަމުގައި ހޭދަކުރަން ވާނެއެވެ. ކެއުމުގެ ކުރިން، ފާހާނާ ބޭނުން ކުރުމަށްފަހު، ބަލި މީހަކަށް އެހީތެރިވުމަށްފަހު، ކެއްސާ ކިނބިހި އެޅުމަށްފަހު އަދި ހަޑިއެއްޗެއްގައި އަތް ލުމަށްފަހު އަތް ދޮވުމަށް އާދަކުރަން ޖެހެއެވެ.
ދިފާއީ ނިޒާމް ބަލިކަށީ ކަމަށް ވެދާނެ
ބައެއް ފަހަރު މާ ގިނައިން އަރިދަފުސް ރޯގާފަދަ އާންމު ބަލިތައް ޖެހޭނަމަ ސަބަބަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުން ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން މާ ގިނަ ގިނައިން ބަލިވާނަމަ ޑަކުޓަރަކަށް ދެއްކުން ނުވަތަ ސިއްހީ ޗެކަޕެއް ހަދާލުން ރަނގަށެވެ.
ފެން ބޮވޭލެއް މަދުވުން
ހަށިގަނޑަށް ފެން މަދުން ލިބޭނަމަ ދިފާއީ ނިޒާމް ބަލިކަށިވެއެވެ. ދިފާއީ ނިޒާމް ބަލިކަށިވާނަމަ އާންމު ބަލިތަކަށް ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އަބަދުވެސް ފެންބުއިމަށް އާދަކުރުން ރަނގަޅެވެ.
އެލާޖިކެއް ހުރުން އަދި މޫނުގައި އަތް ލުން
މާ ގިނައިން މޫނުގައި އަތް ލާ، ހިރުވާލާއިރަށް ނޭފަތުގައި އަތްލާ ހަދާނަމަ ވައިރަސް ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މާ ގިނަ ގިނައިން އަރިދަފުސް ރޯގާ ޖެހެނީ އެލާޖިކެއް ހުރުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ޝައްކުވާނަމަ ޑަކުޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް