ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދަށް ވަޅިން ހަމަލާ ދިން މައްސަލައާއި ގުޅިގެން ދެ މީހަކު ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.
މަހުފޫޒަށް ހަމަލާ ދިނުމަށްފަހު ރާއްޖެއިން ބޭރަށް ފުރާފައިވާތީ ފުލުހުންގެ އެދުމުގެ މަތިން އިންޓަޕޯލް އިން ހޯދަން އިއުލާނުކޮށްފައިވާ ދެމީހުންނަކީ ހުޅުމާލޭ، 11270، 20 އަހަރުގެ އަހުމަދު ރާއިދު އާއި ރ. އިނގުރައިދޫ، ކަރަންކާގޭ 23 އަހަރުގެ ޝަފްރާޒު އިބްރާހިމް އެވެ.
އިންޓަޕޯލް ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުން ހޯދަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުންނެވެ. އެ ދެ މީހުން ހޯދަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 5:20 ހާއިރު މާވެޔޮމަގު ވާދީ ފްރެޝް ފިހާރަ ކައިރިން މަހުފޫޒުގެ ބޮލަށް ވަޅި ހަރައި ދިން ހަމަލާއާއި ގުޅިގެން އޭނާގެ ވާތު ލޮލުގެ ފެނުން ފުސްވެފައިވާއިރު އޭނާއަށް ދަނީ ސްރީލަންކާގައި އިތުރު ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް