ހދ.ހަނިމާދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓިފައިވާތީ އެރަށު ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް އެއްވެ އިހްތިޖާޖް ކުރަންފަށައިފިއެވެ.
އެއަތޮޅު ކުޅުދުއްފުށީގައި ހިންގާ ނޫހެއް ކަމަށްވާ ކުޅުދުއްފުށި ލައިވްގައި ބުނެފައިވަނީ އައިލެންޑް އެކްސްޕާޓާ ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތީ ކައުންސިލް އިދާރާ ކުރިމަތީ އިހްތިޖާޖްކުރާ މީހުންވަނީ އެއިދާރާ ހުޅުވުމަށް ހުރަސްއަޅާފައި ވާކަމަށެވެ. އަދި އެއްވި މީހުންގެތެރެއިން ކޮމެޓީއެއް ނަގައިގެން ކައުންސިލުން މަޝްވަރާކުރުމަށް ތައްޔާރުވަމުންދާކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.
ނަރުދަމާ މަސައްކަތަށް އިތުރަށް ބޭނުންވާ ތަކެތި ގެނެސް ދެމަސް ދުވަސްތެރޭ މަސައްކަތް ނިންމާލާނެކަމަށް މަސައްކަތްކުރާ ފަރާތުން ބުނިނަމަވެސް އިތުބާރުކުރަން ދަތިކަމަށް ކައުންސިލް އިދާރާ ދޮށަށް އެއްވި މީހުން ބުނާ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މިއަދު ހެނދުނު 7:30 ން ފެށިގެން ކައުންސިލް އިދާރާ ކުރިމަތީ އިހްތިޖާޖްގައި މީހުން ތިބި އިރު އެމީހުން ބުނާގޮތުގައި އެކަށީގެންވާ ޖަވާބެއް ލިބެންދެން އިހްތިޖާޖް ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް