ރެޑްބުލް އިން އިންތިޒާމްކޮށްގެން ފާއިތުވި ދެ އަހަރުވެސް ރާއްޖޭގައި ބޭއްވި ރެޑްބުލް ވިނިން 5ގެ 2015 ވަނަ އަހަރު މުބާރާތް މި މަހު ފެށުމަށް ހަމަޖެހިފައި ވާކަމަށާއި މިއަހަރުގެ މުބާރާތް އެހެން އަހަރުތަކަށްވުރެ ބޮޑުވާނެ ކަމަށް ރެޑްބުލް މޯލްޑިވްސް ހާމަކޮށްފި އެވެ.
ރެޑްބުލް އިން 2013 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްކުރި ރެޑްބުލް ވިނިން 5 މުބާރާތަކީ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމު ވާދަކުރި އެވެ. ޖުމްލަ 905 ކުޅުންތެރިންގެ ކުޅުން މި މުބާރާތުގައި ފެނިގެންދިޔައިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ.
ރެޑްބުލް މޯލްޑިވްސް އިން ބުނީ ރެޑްބުލް އިން މި އަހަރުގެ މުބާރާތް ރާއްޖޭގެ އިތުރު ސަރަހައްދުތަކެއްގައި ބޭއްވުމަށް ނިންމާފައި ވާކަމަށެވެ. މާލެއާއެކު، މި މުބާރާތުގެ ކޮލިފައިން ބުރުތައް ރާއްޖޭގެ 9 ސަރަހައްދެއްގައި ކުރިއަށް ދާނެކަމަށާއި އެގޮތުން ބ. އޭދަފުއްޓާއި ހދ.ކުޅުދުއްފުށި، ޅ.ހިންނަވަރު އަދި ކ.ކާށިދޫގައި މި އަހަރު މުޅިން އަލަށް ރެޑްބުލް ވިނިން 5ގެ ކޮލިފައިން ބުރު ކުރިއަށްދާނެ ކަމަށާއި އަދި މިދިޔަ އަހަރުގަވެސް ބޭއްވުން ރައްތަކުގެ ތެރެއިން، ގ.ދ. ތިނަދޫ. ގ.އ. ވިލިގިލި، ސ.ފޭދޫ، ޏ.ފުވައްމުލައް ހިމެނޭނެ ކަމަށް ރެޑްބުލް މޯލްޑިވްސް އިން ހާމަކުރެ އެވެ.
"މި އަހަރު ރެޑްބުލް ވިނިން 5ގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ބްރެޒިލްގެ ސަންތޯސް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ، ފުޓްބޯޅައިގެ މަޝްހޫރު ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ އަދި ޕެލޭ ނިސްބަތްވާ ބްރެޒިލް އަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ގައުމު ކަމަށްވާއިރު، ފުޓްބޯޅައިގައި ބްރެޒިލް އަކީ އިތުރު ތައާރަފަކަށް ބޭނުންވާ ގައުމެއް ނޫން،
ސަންތޯސް އަކީ ބްރެޒިލްގެ ގައުމީ ޓީމާއި ބާސެލޯނާގެ ތަރި ނޭމާ ނިސްބަތްވާ ސިޓީ، ސަންތޯސްގެ ފުޓްބޯޅަ ޓީމު ކަމަށްވާ ސަންތޯސް އެފްސީ އަކީ ނޭމާގެ އިތުރުން ރޮބީނިއޯ އާއި ޕެލޭ ވެސް އެންމެ ފުރަތަމަ ނެރުނު ކްލަބު" ރެޑްބުލް މޯލްޑިވްސްގެ ބަޔާނުގައި ވެ އެވެ.
ރެޑްބުލް ވިނިން 5 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މި އަހަރުގެ ރެޑްބުލް ވިނިން 5 މުބާރާތުގެ ކޮލިފައިން ބުރުތަކާއެކު، މި މުބާރާތް ގާތްގަނޑަކަށް ދެ މަސް ދުވަހަށް ދިގު ދެމިގެންދާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ހާމަކުރެ އެވެ. އަދި 5 އޮން 5 މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން 5ގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ވަގުތުން ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.
މި އަހަރުގެ މުބާރާތުގެ ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފައިވާއިރު ރެޖިސްޓްރާކުރާނީ www.redbull.com/winning5mdv އިން ކަމަށާއި އަދި އެންމެ ފަހުގެ ޙަބަރާއި މައުލޫމާތު، މި އިވެންޓުގެ ފޭސްބުކް ޕޭޖު އިން ލިބޭނެ ކަމަށް ރެޑްބުލް މޯލްޑިވްސް އިން ހާމަކުރެ އެވެ. އަދި މި މުބާރާތުގެ އޮފިޝަލް ޓީވީ ޕާޓްނަރ އަކީ PSM އެވެ، އަދި މުބާރާތުގެ އޮންލައިން ޕާޓްނަރ އަކީ HAVEERU ކަމަށްވެސް ރެޑްބުލް މޯލްޑިވްސް އިން ބުނެ އެވެ.
ރެޑްބުލް ވިނިން 5 2015: ކޮލިފައިން ކުޅޭ ރައް އަދި ތާރީޙް
- ބ. އޭދަފުށި 23-24 އޮކްޓޯބަރު
- ޏ. ފުވައްމުލައް 30-31 ނޮވެމްބަރު
- ސ. ފޭދޫ 30-31 ނޮވެމްބަރު
- ގ.ދ. ތިނަދޫ 6-7 ނޮވެމްބަރު
- ހ.ދ. ކުޅުދުއްފުށި 6-7 ނޮވެމްބަރު
- ގ.އ. ވިލިގިލި 13-14 ނޮވެމްބަރު
- ޅ. ނައިފަރު 20-21 ނޮވެމްބަރު
- ކ. ކާށިދޫ 27-28 ނޮވެމްބަރު
- ކ. މާލެ 4-5 ޑިސެމްބަރު
- ކ. މާލެ 11-12 ޑިސެމްބަރު (ފައިނަލް)
ރެޑްބުލް ވިނިން 5 2015 – ގަވާއިދު
- ގޯލް އެއް ބައި ކޮޅައް ވަދެއްގެ ނަމަ، އެ ޓީމުން 1 ކުޅުންތެރިއަކު ވަގުތުން ފައިބަން ޖެހޭނެ އެވެ. އެގެތުން އެމްމެ އަވަހައް އިދިކޮޅު ޓީމު ގެ ހުރިހާ ކުޅުންތެރިން ބޭރު ކުރާ ޓީމެއް މެޗުން މޮޅު ވާނެއެވެ.
- މެޗެއް ގެ ދިގުމިނަކީ 10 މިނެޓެވެ. 10 މިނެޓު ކުޅެ ނިމޭ އިރު، 2 ޓީމު އެއްވަރު ވެއްގެ ނަމަ، ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމު ހޯދޭނެ އެވެ. ޕެނަލްޓީ ޖަހަނީ 1އޮން1 30 ސިކުންތު ކުޅެގެނެވެ.
- އާއްމު ފުޓްސަލް ގަވާއިދައް އެހެނިހެން ކަންކަމުގަ ބެލެވޭނެ އެވެ. މީގެ ތެރޭގަ އެއްލުން، ފައުލް ހިމެނެ އެވެ.
- ގޯލް ގެ މިނަކީ 5 ފޫޓު ފުޅާ އަދި 3 ފޫޓު އުހެވެ. ކުޅޭނީ ފުޓްސަލް ބޯޅަ އިންނެވެ.
- އެއްވެސް ޓީމެއް މެޗައް ގަޑިއައް ހާޒިރު ނުވެއްޖެ ނަމަ، ޓީމު މުބާރާތުން ކަޓާނެ އެވެ. ނަމަވެސް ކުޅުންތެރިން ހަމަ ނުވާ ޓީމައް އައިސް ތިބި ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.
- ޓީމެއް މެޗެއް ކުޅުމައް ފަހު ކުޅުންތެރިންގެ ލިސްޓައް ބަދަލެއް ނުގެނެވޭނެ އެވެ.
- މާލޭގާ އޮންނަ ފައިނަލައް ކޮލިފައިވާ ޓީމުގެ ދަތުރު، ކެއުން، ހުރުމުގެ ހަރަދު ކުރާނީ އެ ޓީމަކުން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް