ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ބިރު ދެއްކުމުގެ ޒާތުގެ އަމަލުތަކަކީ ޑިމޮކްރަސީތަކުގައި ބަލައިނުގަންނަ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ޕީއެންސީ ޖަގަހައިގައި ޒާތްޒާތުގެ ވާހަކަ ދައްކައި، ބީއެމްއެލަށް ބަޢާވާތަށް ގޮވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ އަމަަލެއްވެސް ހާމަކުރުމަކީ ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ހައްގެއް ކަމަށެވެ.
އަދި ރައީސް ކަމުގެ މަގާމުގައި ހުންނަން ވާނީ ހަންބޯ ބޭފުޅުން ކަމަށާއި، "ކުޑަކުއްޖެއްހެން " ނުރުއިމަށް ޖަމީލް ވަނީ ގޮވާލާފައެވެ.
ޖަމީލް މިހެން ވިދާޅުވީ، އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުތަކެއް ކުރައްވާ ހަދާފައިވާ "ޑޮކިއުމެންޓްރީ" ގެ މައްސަލަ ރައީސް އޮފީހުން އެމްއެމްސީއަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އަދަދު ނޫހުން ނެރެފައިވާ ޑޮކިއުމެންޓްރީގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޕީއެންސީގެ ކޮންމެ މަޖިލީސް މެމްބަރަކަށް ބައި ލައްކަ ރުފިޔާ ބަހާ ކަމަށެވެ. އެކަމަާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ "ރޯ ބުހުތާނު" ދޮގު ކަމަށާއި އެފަދަ މުޖުތަމައުގައި ފިތުނަ އުފެދޭ ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަދަދު ނޫހުގެ މައްސަލަ މިހާރު ވަނީ މީޑިއާ ކައުންސިލަށް ފޮނުވާފައި ކަމަށް ވެސް އެ ނޫހުން ރައީސްގެ ތަރުޖަމާނާ ހަވާލާ ދީ ލިޔެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް