މި ސަރުކާރުގެ ނުކުޅެދުންތެރިކަމުން ބޮއްސުންލާފައިވާ ސަރުކާރުގެ މާލީ ހާލަތު ރަގަޅުކުރަން، ކްރެޑިބަލް ރަނގަޅު ސިޔާސަތެއް ސަރުކާރަށް އަދިވެސް ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ ހެލްތު މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުގެ ބައެއް ކަންކަން ފާހގަކުރައްވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ އަމަލުތައް އަދިވެސް ހުރީ ގޯހުން ގޯހަށް ކަމަށާއި ސިޔާސީ މުވައްޒަފުން ގިނަކުރުން އަދިވެސް ނުހުއްޓޭކަމަށެވެ. ސަރުކާރު ކުންފުނިތަކަށް އަލިއަޅުވާލާ ވިދާޅުވީ، ހާހުން ނަގާފައިވާ ސިޔާސީ ވަޒީފާތަކެއް މަދު ނޫން ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިތުރުވެއްޖެކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ސަރުކާރު ފަރާތުން ރޭވިގެން ހިންގޭ ޖަރީމާއެއްގެ ތެރެއިން، މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އިތުބާރު ގެއްލުވާލައިފިކަމަށާއި، ވިޔަފާރިތައް އެއްކޮށް އިދަޖެހި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިއްޖެ ކަމަށެވެ.
މާލީ ޑިސިޕްލިން އަލުން ގާއިމްކުރުމާއި، ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް (ޕީއެފްއެމް) ހަރުދަނާ ކުރުމާއި، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދުމަށް މުއައްސަސާތައް ވަރުގަދަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން އަމީރު ފާހަގަކުރައްވާފައިވެއެވެ. މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، އިގްތިސާދީ ގޮތުން އިތުރު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
"ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތް. މޫޑީސް ގެ އެސެސްމަންޓުން ދައްކުވައިދެނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތައް ބޮޑުތަނުން އިތުރުވި އިރުވެސް އަޅުގަނޑުމެންގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން ‘ޑިފޯލްޓް ރިސްކް’ އިތުރުވެފައިވާ ކަން. "ފިސްކަލް ޓްރާންސްޕެރަންސީ" ގެއްލި، ހަފްތާއަކު އެއްފަހަރު މާލީ ރިޕޯޓްތައް ޝާއިއުކުރުން ހުއްޓާލުމުން ސަރުކާރުގެ ޚަރަދާއި ރިޒާވް ކުޑަވުމާ ގުޅުން ހުރި ކަންކަމާ މެދު އިތުރު ސުވާލުތަކެއް އުފެދޭ." އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ، މިއީ ޤައުމުގެ މުސްތަޤްބަލު ރައްކާތެރިކުރުމަށްޓަކައި ޒިންމާދާރު މާލީ ސިޔާސަތު ކުރިއަށް ނެރެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ސަރުކާރުން އިސްކަންދޭންވީ ވަގުތު ކަމަށެވެ.
ސަރުކާރުން މާލީ ހާލަތު ރަގަނޅު ކުރުމަށް ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުން ކަމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ސިޔާސީ ވަޒީފާ ތައް މަދުކުރުން ފަދަ މަސައްކަތް ތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް