އައިލީންގެ ޑައިރީ ރާއިފް ކީ ވާހަކަ ބުނުމުން އައިލީން ހިތް އަވަސް ވެގެން ދިޔައެވެ. ބުނާއެއްޗެއްވެސް އައިލީން އަކަށް ނޭނގުނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އައިލީން އޮތެވެ.
"ކީއްވެ ދިފާއުގައި އެއްޗެއް ބުނަން ނޭނގިފައި ތިއޮތީ..." އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ރާއިފް ބުންޏެވެ.
"އެންމެ ރަނގަޅު...! އަހަރެން ޑައިރީ ރާއިފު ކީޔޯ...! ދެން އެޑައިރީ ކިޔައިގެން ހަމަ އެކަނި އެގުނު އެއްޗަކީ އަހަރެން ދުވަހަކުވެސް ވަކިނުވެވޭ ވަރަށް މިފްޒާލް ދެކެ ލޯބިވީކަން އެކަނިތަ...؟ އިތުރު ހަމަ އެކައްޗެއްވެސް އެ ކިޔައިގެން ރާއިފު އަކަށް ނޭނގުނުތަ...؟" އައިލީންވެސް، ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ.
"އިތުރު ކޮން ކަމެއް...؟" ފަރުވާކުޑަ ގޮތަކަށް ރާއިފު ސުވާލު ކުރިއެވެ.
"ޑައިރީ އެކީ ކީނަމަ އެނގުނީސް...! އަހަންނަށް އެވަރު އެއްޗެއް އަތުޖެހިއްޖިއްޔާ ނުކިޔާ އެންމެ ތަންކޮޅެއްވެސް ނުބައިންދާނަން...!" އައިލީން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"ކީމޭ...! އެއްކޮށް ކީމޭ...! ލިޔެފަ ހުރި ހުރިހާ އެއްޗެއް އަކުރުން އަކުރަން ކީން...!" ރާއިފު ވާހަކަ ދެއްކީ ސީރިއަސް ކަމާއެކުގައެވެ.
"އެޑައިރީ އަކުރުން އަކުރަށް ރާއިފު ކީނަމަ އޭގެ އެންމެ ފަހު ސަފްޙާތަކުގައި އަހަރެން ލިޔެފައިހުރި އެއްޗިހިވެސް ރާއިފު ހުންނާނީ ކިޔާފަތާ...! އެބައިގައި އަހަރެން ލިޔެފައި ހުންނާނެ އެނާގެ އުދަނގުލުން އަހަރެން ސަލާމަތްވާން ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރަމުންދާއިރު އޭނަ އެކިގޮތްގޮތުން އަހަންނަށް ބިރު ދައްކާ ކަމާއި، އަހަންނަށް ފާޑުފާޑުގެ އުދަގޫ ކުރާވާހަކަ...! އެއީ ތިބުނާހާ އަހަރެން ލޯބިވާ މީހެއްނަމަ އަހަރެން ކީއްކުރަން ކޮންމެހެން އޭނަ ކިބައިން ސަލާމަތް ނުވެގެން އެކަމާ ވިސްނާ އެވާހަކަތައް ލިޔަންވީ...؟ ރާއިފު ނިކަން ވިސްނާލަބަލަ...! އެއީ މީގެ އެތައް ދުވަހެއް ކުރިން އަހަރެން ލިޔެފަހުރި ވާހަކަތަކެއް...! އެހެންވީމާ އެއިންވެސް އެނގެއެއްނު އަހަރެން މިއުޅެނީ އޭނަގެ ކިބައިން ސަލާމަތް ނުވެވިގެންކަން...! އަހަރެން އޭނަ ދެކެ ލޯތްބެއް ނުވޭކަން...! މިހުރިހާ ކަމަކަށް ވިސްނާލާފަވެސް ރާއިފު އަހަންނަށް މަޢާފު ކުރަން ވެއްޖެއެއްނު..!" އައިލީން، ރާއިފު އާ ދިމާއަށް ބަލަން އޮވެ ވާހަކަ ދެއްކިއެވެ.
"އަހަރެން މިހާރު ގޮތެއް ނިންމައިފީމޭ...!" ރާއިފުވެސް އައިލީން އާ ދިމާއަށް ބަލަން އޮވެ ބުންޏެވެ.
"ކޮންގޮތެއް ނިންމީ..؟" އައިލީން އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
"އަހަރެން ނިންމި ގޮތަކީ...! އެ ގޮތަކީ...! ހުރިހާ ކަމަކަށް ވިސްނާލާފައި އައިލީން ކުރި ކަންތަކަށް އެއްފަހަރެއް ކަމަށް މާފު ކުރަން...! އައިލީންގެ ވާހަކަ ތަކުންނާއި، ޑައިރީގައި އައިލީން ލިޔެފައިހުރި ވާހަކަ ތަކުން އެއްފަހަރެއް ކަމަށް ބަލާފައި އައިލީންއަށް މާފުކުރުން ރަނގަޅު ކަމަށް އަހަންނަށް ފެނުނީ...!" އައިލީން އާ ދިމާއަށް ބަލަން އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.
"އަހަރެން ވަރަށް އުފާވެއްޖެ...! އަހަރެން ޤަބޫލު ކުރަން އަހަރެން ކުރި ކަންތައްތަކަކީ ދުވަހަކުވެސް މީހަކު އަހަންނަށް މާފު ނުކުރާނެ ކަންތައްތަކެއް ކަމަށް...! ޚާއްޞަކޮށް ފިރިޔަކު ހުއްޓާ އެހެން ފިރިހެނާއެކު އުޅުމަކީ ކިހާ ވިޔާނުދާ، ގޯސް ކަމެއްކަންވެސް އަހަންނަށް އެނގޭ..! އަދި އެއީ ﷲ ހަރާން ކުރައްވާފައިވާ ކަމެއް...! އަހަރެން މިހާރު އެކަމަށްވާނީ ﷲ ޙަޟްރަތުގައި ތައުބާ ވެފައި..! އަހަރެން މިހާރު އެންމެ ބޭނުންވާ ކަމަކީ ރާއިފު އަހަންނަށް މާފު ކުރުން...! އަހަރެން މިރޭ ވަރަށް އުފާވެއްޖެ...!" އައިލީން ވީ އުފަލުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.
"އެކަމަކު އައިލީން މީގެ ފަހުން ދުވަހަކުވެސް އެކަހަލަ ކަމެއް ކޮށްގެން ނުވާނެ...! ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮށްފިއްޔާ ދުވަހަކުވެސް ދެން އަހަންނަކަށް އައިލީން އަކަށް މާފެއް ނުކުރެވޭނެ...! އެހާ ހިސާބުން އަހަރެން އައިލީން ދޫކޮށްލާނަން...!" އައިލީންގެ އަތުގައި ހިފާލަމުން ރާއިފު ބުންޏެވެ.
"ޤަބޫލު ކުރޭ...! ދެން އަހަރެން ފަރާތަކުން ދުވަހަކުވެސް އެކަހަލަ ކަމެއް ނުފެންނާނެ..! އިރާދަކުރެއްވިޔާ އަހަރެން ރާއިފު އާއެކު އުފާވެރި ދިރިއުޅުމެއް އުޅޭނަން..." އައިލީން ވެސް ރާއިފުގެ އަތުގައި ހިފަހައްޓާލިއެވެ.
ރާއިފު ކޮޓަރީގައި ދިއްލާފައިހުރި ލައިޓް މަޑުމަޑުން ފަނޑު އައްޔަކަށް ބަދަލުކޮށްލުމަށްފަހު އައިލީންގެ ގައިގައި ހިފަހައްޓާލިއެވެ.
ދުވަހަކީ ހުކުރު ދުވަސް ކަމުގައިވާތީ އާއި، ރޭ ގިނަ ވަގުތު ހޭލާ އުޅުމުގެ ސަބަބުން ރާއިފުއަށް ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖެހިފަހުންނެވެ. ހޭލައިގެން ބަލައިލިއިރު އައިލީން ކޮޓަރިއަކު ނެތެވެ. ކަންނެތް ކަމާއެކު އެނދުން ތެދުވެގެން ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ކުޑަކޮށް ތައްޔާރު ވެލައިގެން ކޮޓަރިން ބޭރަށް ނުކުތްއިރު ބަދިގެ ތެރޭގައި އައިލީން އުޅެއެވެ.
"އާދޭ ސައިބޯން...!" ރާއިފު ފެނުމާއެކު އައިލީން ބުންޏެވެ.
ރާއިފު ބަދިގެތެރެއަށް ވަންއިރު ކާމޭޒުމަތީގައިހުރި ތަފާތު ވައްތަރުގެ ކެއުންތައް ފެނިފައި ހައިރާން ވިއެވެ. ފަރާޓާއާއި ފިހުނުމަހެވެ. ތޮރާ މަސްހުންޏާ ރޮށްޓެވެ. ހެދިކާގެ ބައެއް ވައްތަރުތައްވެސް ތައްޔާރުކޮށްފައި ހުއްޓެވެ.
"އައްދޭ..! މިއަދު ބަޔަކު ގެއަށް ސައިބޯން އަންނަ ދުވަހެއްތަ...؟" މޭޒުމަތީގައިހުރި ތަކެތި ފެނުމާއެކު ސިންކު ދޮށުގައި ތަށިތައް ދޮންނަންހުރި ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހު ރާއިފު ސުވާލު ކޮށްލިއެވެ.
"ނޫނޭ...! މިއަދު އައިލީން ބޭނުންވީ ރަނގަޅު ސައެއް ހަދާލަން...! އެހެންވެ ބޮޑުފަތިހާ ދެމީހުން ތެދުވެގެން ހަމަ ކާއެއްޗިހި ހެދުމުގަ މިއުޅެނީ...!" އައިލީން އާ ދިމާއަށް ބަލާލަމުން ނާޒިމާ ބުނެލިއެވެ.
"މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކޭ...! އެހެންވީމަ މިއަދު ޚާއްޞަކޮށްލަން ޖެހޭނެތާ..! މިވަރުވެސް އަހަންނަށް ހީވަނީ އަދި ކުޑަހެން...! އެހެންވެ މެންދުރަށްވެސް މިއުޅެނީ ބިރިޔާނީ އާއި އަލުވި ހިކިރިހައާއި ފުނޑި ސަޓަނި ހަދަން ވެގެން..!" ފިޔާކޮށަން އިށީންނަމުން އައިލީން ވާހަކަ ދެއްކިއެވެ.
"އާނ...! މިއަދު އައިލީން ބަދިގެއަށް އައިއިރުވެސް މާ އުފާވެފައި ހުރި ދުވަހެއް...! އަހާއަހާވެސް ވީގޮތެއް ނުބުނި..! ހަމަ އެކަނި ބުނިހާވެސް އެއްޗަކީ މިއަދު ރަނގަޅު ކެއްކުން ގަނޑެއް ކައްކާލަން ވާނެއޭ...! އެހެންވެ ދެމީހުން އެކަމާ މިއުޅެނީ..!" ބަދިގެ ތެރެއިން ނުކުންނަމުން ނާޒިމާ ބުންޏެވެ.
"ސައި ހަދާފަ ތިހިރީ...! ސައިބޯން އިށީނދޭ...!" ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ބުންޏެވެ.
އައިލީން ރާއިފު އާ ދިމާއަށް ބަލާލި ވަގުތަކީ ރާއިފު އައިލީން އާ ދިމާއަށް ބަލާލި ވަގުތެވެ. އެވަގުތު ދުވަސްތަކަކަށްފަހު އައިލީންގެ މޫނުމަތީގައި ހުރި ތާޒާ ކަމާއި، އުފާވެރިކަން ރާއިފުއަށް ފާހަގަ ކުރެވުނެވެ. ލުއި މޭކަޕެއްގައި އައިލީން ހުރިއިރު އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ވެގެން ދެއެވެ. ފަހަކަށް އައިސް އެފަދަ މޭކަޕެއްގައި އައިލީން ހުއްޓާ ރާއިފު އަށް ފެނުނު ފުރަތަމަ ފަހަރަކީވެސް އެއީއެވެ.
"ދެމީހުންވެސް މާ ރީތިވެލައިގެން ތިބީމަ އަހަރެން ހީކުރީ މިއަދު މިގެއަށް ބަޔަކު އަންނަނީ ކަމަށް...!" ރާއިފު، އައިލީން އާ ދިމާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
"މަންމަ ހެނދުނު ގުޅި...! މެންދުރު ފަހުން މިގެއަށް އަންނާނަމޭ ބުނި...!" ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ބުންޏެވެ.
"ހަމަ އެކަނި މަންމަ އަންނާތީތަ ތިވަރު ތިކޮށްލަނީ...! އަހަރެން ހީކުރީ އިތުރު ބަޔަކުވެސް އަންނަނީ ކަމަށް...! ނޭނގޭނެތާ..؟" ސަމާސާ ރާގަކަށް ރާއިފު ވާހަކަ ދައްކަމުން ދިޔައެވެ.
"އިތުރު ކާކު މިގެއަށް އަންނާނީ..! އިތުރު މީހަކު މިގެއަށް އަންނަން އަހަރެންވެސް ވަރަށް ބޭނުމޭ..! އެކަމަކު ދެން މިގެއަށް އިތުރު މީހަކު އަންނާކަށް ނެތެއްނު...! އަހަރެންވެސް ބޭނުން އަހަރެންގެ އުނގުވެސް ފަޅުފިލުވާލަ ދޭނެ އިތުރު ކުއްޖެއް މިގެއަށް އަންނަން...! އެކަމަކު..!" އައިލީން ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ އަދި ތި ދުވަސް އަންނާނެ...! އެކަމާ އެހާ ބޮޑަށް ނުވިސްނާ...!" ސައިތަށިން ކޯވަރެއް ބޯލުމަށްފަހު އައިލީން އާ ދިމާއަށް ބަލަން އިނދެ ރާއިފު ބުނެލިއެވެ.
"ހީއެއްނުވެ ދެން ދުވަހަކުވެސް އެކަހަލަ އުފާވެރި ދުވަހެއް އަތުވެދާނެ ހެނެއް...! އަހަންނަށް އެނގޭ އަހަރެންނެކޭ އެއްގޮތަށް ރާއިފުވެސް ކުއްޖަކު ބޭނުންވާނެކަން..! ބައްޕައަކަށް ވާން ބޭނުންވާނެ ކަން...! އެކަމަކު ކީއްކުރާނީ...! އަހަރެން ފަރާތުން އެ އުފަލެއް ރާއިފު އަކަަށް ހޯދައެއް ނުދެވޭނެ...!" އައިލީން އިސްދަށަށް ޖަހާލައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ޑޮކްޓަރުން އެހެން ބުންޏަސް މާތް ﷲ ގެ ކުޅަދުންވަންތަކަން މާބޮޑުވާނެ...! އަހަރުމެންނަށް ދަރިޔަކު ދެންވަންވީމަ ދެއްވާނެ...! އަހަންނަށް ފެންނަނީ ރާއްޖެއިން ބޭރަށްގޮސް ޑޮކްޓަރަށް ދައްކައިގެން ބޭސް ކުރަން...! އޭރުން އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ލޯބިލޯބި ކުއްޖަކު ލިބިދާނެ..." ރާއިފު ތެދުވެގެން ގޮސް އައިލީންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
"ތިވާހަކަ ދައްކަން އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ...! އެކަމަކު ކަންތައްތައް ވީގޮތުން އެވާހަކަ ދައްކަން ނުކެރިފަ މިހުންނަނީ...! އަހަންނަށް އިނގޭ ރާއިފު މިކަމާ އެއްޗެއް ނުބުނެ ހުއްޓަސް ރާއިފުވެސް ކުއްޖަކު ބޭނުންވާނެ ވަރު...!" ރާއިފުގެ އަތުގައި ބޯ ޖައްސާލަމުން އައިލީން ވާހަކަ ދެއްކިއެވެ.
"އެހާވަރަށް އެކަމާ ނުވިސްނާ...! އެކަމަށް އެންމެ ރަނގަޅު ޑޮކްޓަރުން ތިބި ހޮސްޕިޓަލަކީ ކޮބައިތޯ އަހަރެން ބަލާނަން...! އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ...!" އައިލީންގެ ބޮލުގައި ފިރުމާލަމުން ރާއިފު ބުންޏެވެ.
އެހިސާބުން ނާޒިމާ އައިސް ބަދިގެއަށް ވަނުމާއެކު ފެންތައްޓެއް ބޯލައިގެން ރައީފު ނުކުތީ ސިޓިން ރޫމަށެވެ. އައިލީން އަނެއްކާވެސް ނާޒިމާ އާއެކު މެންދުރަށް ކެއްކުމުގައި ޙަރަކާތްތެރިވާން ފެށިއެވެ.
ރޭގަނޑުގެ ވަގުތެވެ. އައިލީން އޮފީހުން އައިސް ގެއަށް ވަންއިރު ރާއިފު ސިޓިން ރޫމުގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބެލުމަށްޓަކައި އިނެވެ. އައިލީން ކޮޓަރިއަށް ގޮސް އެއްޗިހި ބަދަލުކޮށްލައިގެން އައިސް ސިޓިން ރޫމުގައި އިށީނެވެ.
"ކައިފިންތަ...؟" އައިލީން، ރާއިފު އާ ސުވާލުކޮށްލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 ސެޕްޓެމްބަރ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް