ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި މުހިންމު ކަންތައްތަކެއް ހިފަހައްޓަންޖެހޭ: ނަޝީދު

ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި މުހިންމު ކަންތައްތަކެއް ހިފަހައްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރަސީ ދުވަހާ ގުޅ...

15 Sep 2023 | 13:39

ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި މުހިންމު ކަންތައްތަކެއް ހިފަހައްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ވާހަކަފުޅުގައެވެ.

ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރެޓިކް ހަޔާތެއްގައި ވެރިކަންކުރަމުންދާތާ މިހާރު ވިއްސަކަށް އަހަރު ވެފައިވާ ކަމަށާއި 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ދިވެހިން ބަލައިގަނެފި ކަމަށެވެ.

ޑިމޮކްރެސީ މުހިންމުވެ މިދަނީ ޑިމޮކްރެޓިކް ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ލިބެން އޮންނަ ތަނަވަސްކަމާއި، މުއްސަނދިކަން، އަދި ރައްޔިތުންނަށް ލިބެން އޮންނަ އުފާ ފާގަތިކަން ބޮޑުކަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިން ޑިމޮކްރެޓިކް އުސޫލުތައް ބަލައިގަނެ އެ އުސޫލުތަކުގައި ކުރިއަށްދާން ފެށުމާއެކުގައި، ދައުލަތުގެ އާމްދަނީ ހާއްސަގޮތެއްގައި ޓެކްސް އާމްދަނީ 7 ބިލިޔަން ރުފިޔާގައި 2007 ވަނަ އަހަރުގައި ހުރީ، މިއަދު 30 ބިލިޔަން ރުފިޔާއަށް އިތުރުވެފައި މިވަނީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ޑިމޮކްރެޓިކް ނިޒާމް ހިފެހެއްޓުމަށްޓަކައި މުހިންމު ތިން ހަތަރު ކަމެއް އެބަ ހިފަހައްޓަންޖެހޭ ކަމަށެވެ.

އެގޮތުން، ހާއްސަގޮތެއްގައި އިންތިހާބުތައް އެއީ މިނިވަން ދެފުށްފެންނަގޮތަށް ބޭއްވޭ މިނިވަން އިންތިހާބުތަކަކަށް ވާން ޖެހޭ ކަމަށާއި، ސަރުކާރުގެ ވަސީލަތްތައް އެއްވެސް ބޭފުޅަކު އެ އިންތިހާބުތަކުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށާއި އަދި ސަރުކާރުގެ މަގާމާއި ނުފޫޒުވެސް އިންތިހާބުގެ ތެރޭގައި، ހާއްސަގޮތެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް އިންތިހާބުތަކުގައި ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

އަދި ސަރުކާރުން ހިންގާ އެކިއެކި ބާވަތްތަކުގެ ޕްރޮޖެކްޓްތަކަކީވެސް އިންތިހާބަށް ހިންގާ ޕްރޮޖެކްޓްތަކަށް ނުވުމަކީވެސް ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓިފަ މިއޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކު ނޫން ކަމަށާއި މީޑިއާގައިވެސް ސަަރުކާރު ޖަވާބުދާރީ ކުރުވުން އޮތީ ހުއްޓިފައި ކަމަށެވެ.

މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން އެއީ ޑިމޮކްރެސީއަކަށް ކޮންމެހެން ބޭނުންކަމެއް ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއް ހިންގިގެން މެނުވީ ޑިމޮކްރެޓިކް ނުލިބޭނެ ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމު އަދި މާކަންޓައިލް ކޮމާޝަލް ކަންކަމާ ގުޅިގެންވެސް ހިންގާ ހުރިހާ ޝަރީއަތެއްވެސް އިންސާފުވެރިކަމާއެކީގައި ހިންގަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އަހަރުގެ ޑިމޮކްރަސީ ދުވަސް ގުޅިފައިމިވަނީ 'އެމްޕަވަރިންގ ދަ ނެކްސްޓް ޖެނެރޭޝަން'، އެއީ ދެން އަންނަ ޖީލަކަށް ޒުވާނުން  ބާރުވެރި ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް