ދޮގު ވާހަކަ ފެތުރުމާ ދުރުހެލިވުމަކީ، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަން ހަދާންކޮށްދެމުން، މިއަދުގެ ޚުޠުބާ، ދޮގު ވާހަކަ ދެއްކުމާއި ދޮގު ޙަބަރު ފެތުރުމުގެ ނުބައިކަމަށް ހާއްސަ ކޮށްފިވެއެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި ދުނިޔަވީ ޙަޔާތަކީ ހެވާއި ނުބަޔާ ދެމެދުގައި ކުރެވޭ މެދުކެނޑުމެއް ނެތް ހަނގުރާމައެކެވެ. ޤިޔާމަތަށް ދާންދެން މި އަރާރުންތައް ކުރިއަށް ދާނެއެވެ. އެއީ މާތް ﷲ ގެ ޙިކްމަތްފުޅެއް ކަމެވެ.
ނަމަވެސް ޙައްޤު މަގަށް މަގު ދައްކައި އިޞްލާހް ކުރުމަށް މަސައްކަތްކުރާ ހެޔޮލަފާ މީހުން މެދުވެރި ކުރައްވައި، ބާޠިލުގެ އަހުލުވެރީންގެ މަގަށް މާތްﷲ ހުރަސް އަޅުއްވާނެ ކަމަށް ޚުޠުބާ ގައި ބުނެއެވެ. އެހެނީ ފަސާދައިގެ އަހުލުވެރިންނާ ދެކޮޅުހަދާނެ ބަޔަކު ނުވާނަމަ، އެބައިމީހުންގެ ނުބައިކަން ދުނިޔެއަށް ޢާއްމު ވެދާނެ ކަމަށްވެސް ބުނެއެވެ.
ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައިވެސް ދިރިއުޅޭ މީހުން، އެއްމެހާ ވާޞީލަތްތައް ބޭނުންކުރަންވާނީ މުޖުތަމަޢު އިޞްލާޙް ކުރުމަށް ކަމަށް ޚުޠުބާ އިން ހާމަކޮށްފައިވެއެވެ.
އެގޮތުން މުޖުތަމަޢު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ، ދޮގު ވަހަކަތަކާއި ދޮގު ޙަބަރުތައް ފެތުރުން ކަމަށް މިއަދުގެ ޚުޠުބާ އިން ހާމަކުރައްވާފައިވެއެވެ.
ރަސޫލު ބޭކަލުންގެ ސީރަތަށް ބަލާއިރު، އެބޭކަލުންނާ ދެކޮޅުވެރި ޢަމަލުތަކުން އެކަން ހާމަވާން އެބައޮތް ކަމަށް ޚުޠުބާގައި ބުންޏެވެ.
އެބޭކަލުންނާ ދިމާލަށް ބައެއް ފަހަރަށް ދޮގުވެރިންނޭ، އަނެއްބައި ފަހަރަށް މޮޔައިންނޭ، އަނެއްބައި ފަހަރަށް ބޮޑާ މީހުންނޭ، ކިބުރުވެރިންނޭ، ބިން ފަސާދަކުރާ މީހުންނޭ ބުނެފައިވާ ކަން ޚުޠުބާ ގައި ބުނެފައިވެއެވެ. މި ފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ޙައްޤު މަގުން މީހުން އެއްކިބާ ކުރުންކަމަށް ޚުޠުބާ އިން ބުނެއެވެ. އަދި މިބައިމީހުން ރަސޫލުންނާ ބެހޭ ގޮތުގް ދޮގު ވާހަކަތައް ދެއްކުމާއެކު އެބޭކަލުން ގެންނެވި އުޞޫލުތަކާއި، އަގުތަކާއި، ރިވެތި އަޚްލާޤާ ދެކޮޅަށް ހަނގުރާމަވެސް ކުރިކަން ޚުޠުބާ އިން ފާހަގަ ކުރައްވާފައިވެއެވެ.
ޚުޠުބާ އިން ބުނާ ގޮތުގައި މުޖުތަމަޢުގައި ފެތުރޭ ވާޙަކަތަކުގެ ތެދު ދޮގު ނުބަލައި ވާހަކަތައް ޤަބޫލު ކުރުމަކީ، ފަރުދުންނަށާއި، ޖަމާޢަތަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި މިއަދު މުވާޞަލާތީ ވަސީލަތްތައް ތަރައްޤީ ވެފައިވާ މިންވަރަށް ބަލާއިރު، ކިތަންމެ ދުރުގައި ހިނގާކަމެއްވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނާ ހަަމައަށް އާދޭކަން ޙުޠުބާ ގައި ފާހަގަކުރައްވާފައިވެއެވެ.
ނަތީޖާއަކީ ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް، ފެތުރުމުގެ ނުރައްކާތެރިކަން އިހުނަށްވުރެ ބޮޑުވުން ކަން ޚުޠުބާ އިން ބުނެއެވެ. ދޮގުވާހަކަތައް ފެތުރުމުގެ ނުބައިކަމާއި، އެފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ސަބަބުން، އިންސާނުން ކުރިމަތިލާން ޖެހުނު މުޞީބާތްތަކުގެ ވާހަކަތައް، ކީރިތި ޤުރުއާކުގައި އައިސްފައިވެއެވެ.
އެއިން ޢިބްރަތް ޚާޞިލު ކުރަން ބޭނުންނާ ބަޔަކު ޢިބްރަތް ޚާޞިލު ކުރުމަށް ކަމަށާއި އެކަންތައްތަކުގެ މަތިން ހަނދުމަކޮށް، އެއިން ރައްކައުތެރިވުމުގެ މުހިއްމުކަން ދަސްކޮށް ދެއްވުމަށް ކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ.
އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ޤަބޫލު ކުރެވުމުއްގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުމެއެވެ. އަދި ބުރައެއް ނެތް ޚަޔާތަކުން ބުރަ ޚަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިޔުން ކަމަށް ޚުޠުބާ އިން ހާމަކޮށްފައިވެއެވެ.
ހަމައެފަދައިން ދޮގު ވާހަކަ ދެއްކުމާއި، ދޮގު ޙަބަރު ފެތުރުމުގެ ނުބައިކަމާއި، އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން، މާތްﷲ ވަނީ ދޮގުހެދުން ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށް ޚުޠުބާ އިން ބުންޏެވެ.
މާތްﷲ ވަނީ ދޫ ރައްކައުތެރިކުރުމަށް އަމުރު ކުރައްވާފައިވާ ކަމާއި ޘާބިތު ނުހިފޭ ޔޯލަ ވާހަކަތައް ދެއްކުން ވަނީ ޚަރާމް ކުރައްވާފައިވާ ކަންވެސް ބުނެފައިވެއެވެ.
އެގޮތުން ޙުޠުބާ އިން ބުނެފައިވަކީ ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ ﷲ ގެ ހަޟްރަތުގައި ދޮގުވެރިޔެއް ކަމުގައި ލިޔެވޭހުއްޓޭނެ ކަމެވެ.
ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމަކީ، މީސްތަކުންނަށް ޙައްޤު އޮޅުވާލާނެ ކަމެއް ކަމަށް ޙުޠުބާ އިން ބުނެއެވެ. އަދި މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާނެ ޢަމަލެއް ކަމަށްވެސް މެއެވެ. އެ ކަމުގެ ނުބައިކަން، މީހުން މެރުމަށްވުރެ ބޮޑުވީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީ ކަން ޙުޠުބާ އިން ބުނެފައިވެއެވެ.
މީގެ އިތުރަށް، މީހަކު ޤަތުލު ކުރުމަށް ވުރެ ފިތުނަވެރިކަން ބޮޑުވަނީ ޤަތުލުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި އެ ފަރުދަށް ނުވަތަ ޢާއިލާއަށް ކަމަށްވެފައި، ފިތުނައިގެ ސަބަބުން މުޅި މުޖުތަމަޢަށް ގެއްލުން ލިބޭނެތީ ކަން ޙުޠުބާ އިން ހާމަކުރުއްވާފައިވެއެވެ،
ޙުޠުބާ އިން ބުނީ މުސްލިމުންގެ ސިއްރުތައް ބޭޒާރުކޮށް، އެމީހުންގެ އަބުރު ނަގައިލުމަކީ، އިސްލާމް ދީން ޚަރާމް ކުރައްވަފައިވާ ކަމެއް ކަމެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢު ހަލާކުވެ، މީސްތަކުންގެ މެދުގައި ފަސާދަ ޢާއްމު ވެދާނެތީ ކަން ޚުޠުބާ ގައި ބުނެފައިވެއެވެ.
ދޮގުވާހަކަތައް ފަތުރާ މީހުންނަށް، ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ނަމަކީ، "މުޒްޖިފުން" ނެވެ. މުޒްޖިފުންނަކީ މީސްތަކުންގެ މެދުގައި ގަޑުބަޑު އުފައްދާ މީހުން ކަމަށް ޚުޠުބާ ގައި ބުނެފައިވެއެވެ. ކީރިތި ރަސޫލާ ތަބޫކު ހަނގުރާމައަށް ތައްޔާރުވެ ވަޑައިގެންނެވިއިރު، މި ހަނގުރާމައަށް ނުދިޔުމަށް ހިތްވަރު ދެމުންދިޔަ ބަޔަކު އުޅުން ކަމަށް ޚުޠުބާ އިން ފާހަގަކުރައްވާފައިވެއެވެ.
ދޮގުޚަބަރު ފަތުރާ މީހަކީ، މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށް މިއަދުގެ ޚުޠުބާ އިން ބުންޏެވެ.
އޭނާއަކީ އޭނާގެ ޠަބީޢަތުގައި ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށާއި އެއީ މުޖުތަމަޢުގެ އަމަން އަމާންކަމުގެ ހައްޤުގައި ބޮޑޫ ޖަރީމާއެއް ކަންވެސް ބުނެއެވެ. އަދި އެއީ އޭނާގެ ދީނުގެ ހައްޤުގައިވެސް ޖަރީމާއެއް ކަމަށްވެސް މެއެވެ.
ހަމައެއާއެކު އޭނާގެ އަމާޒަކީ މުޖުތަމަޢުގެ އަމާންކަން ނަގައިލުން ކަމަށާއި މުޖުތަމަޢުގެ އެއްބަނޑު އެއްބަފާކަން ނައްތައިލުމަށް އެހީ ވާތީއެވެ. އެއީ ޤައުމުގެ ވަޚްދަތު ނައްތައިލުން ކަމަށް ޙުޠުބާ އިން ބުނެއެވެ.
މޫސާގެފާނާ ދެކޮޅަށް ފިރްޢައުނު ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ، އެކަލޭގެފާނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުން ކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ.
މުޝްރިކުންނާއި، ޔަހޫދީންނާއި، މުނާފިޤުން ރަސޫލާ އާއި އެކަލޭގެފާނުގެ އަނބިކަބަލުން އުއްމުލް މުއުމިނީން ޢާއިޝާ ބެހޭ ގޮތުން ވެސް މިފަދަ ދޮގު ވާހަކަތައް ހަދައިގެން ދެއްކެވިކަން ޚުޠުބާ ގައި އަލިއަޅުވާލާަފައިވެއެވެ.
އެގޮތުން މިވާހަކަތައް މަދީނާގައި، މުސްލިމުންނާ ޣައިރު މުސްލިމުންގެ ތެރޭގައި ފެތުރި، އެކަމަނާގެ ޢިއްފަތްތެރިކަމާ ބެހޭގޮތުން ދެއްކި މިދޮގު ވާހަކަތަކަށް އިފްކުގެ ވާހަކަތަކޭ ކިޔުނު ކަމަށް ޚުޠުބާ އިން ބުންޏެވެ.
ރަސޫލާ އަނބިކަނބަލަކާ ބެހޭ ގޮތުން މިފަދަ ވާހަކައެއް ހަދައިގެން ދެއްކުމުގެ މަޤްސަދަކީ، ރަސޫލާގެ މާތް ޝަޚްޞިއްޔަތު ކަތިލުން ކަމަށް ޙުޠުބާ އިން ފާހަގަކުރައްވާފައިވެއެވެ. އަދި ރަސޫލާއަކީ ނަބީ ބޭކަލެއް ނޫންކަން ހާމަކުރެވޭތޯ ބެލުމަށާއި، އެކަލޭގެފާނަކީ ޙަޤީޤގަތުގައި ނަބީ ބޭކަލެއްނަމަ ފިރިމީހާއަށް ޙިޔާނަތްތެރި އަންހެނަކާ ކައިވެނިފުޅު ބައްލަވައި ނުގަންނަވާނެ ކަން ދެއްކުމަށް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މާތް ﷲ އެބައިމީހުންގެ މި ނުބައި މަޤްޞަދު ފަޟީހަތް ކުރެއްވިކަމަށާއި ޢައިޝާ ގެ ކުށެއްނެތްކަން އަންގަވައި، މިވާހަކަތައް ދެއްކި މީހުންނާއި، ފެތުރިމީހުން ބޭޒާރު ކުރެވިކަން ޚުޠުބާ ގައި ހާމަކުރައްވާފައިވެއެވެ.
މިފަދަ ވާހައެއް އިވުނަސް އެ ވާހަކައާ ބެހޭ އެއްވެސް އެއްޗެއް އެހެން މީހެއްގެ ގާތުގައި ނުބުނުމަށް، އެފަދަ ވާހަކަތައް ދައްކާ މީހުން ކުށްވެރި ކުރުމަށް އަދި އެމީހުންގެ ދެކޮޅު ހެދުމަށާއި އެކަމާ އިންކާރު ކުރުމަށް ޚުޠުބާ ގައި ބުނެއެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި ޝައިތާނާގެ މަސައްކަތަކީ ނުބައި ކަންތައްތަކަށް މީސްތަކުން ހެއްލެނި ކުރުވުމެވެ. ދޮގުހަދައިގެންނާއި ހަޑިހުތުރު ޢަމަލުތަކުންނާއި ދޭތެރެ ޖައްސައިގެންކަމެވެ.
އެގޮތުން ރަސޫލާ ސުވަރުގެ ވަޑައިގަތުމުން ކާފިރުންނާއި، މުނާފިޤުން، މުސްލިމުންނާ ދެކޮޅަށް ނަފުސާނީ ވަރުގަދަ ހަނގުރާމައެއް ފެށި ކަން ޚުޠުބާ އިން ބުނއެވެ. އަދި ރަސޫލާ ދުނިޔެ ދޫކުރެއްވުމުން އިސްލާމް ދީން ނެތިއްޖެއޭ ކިޔައިގެންނާއި ދެން އެދީނަށް ބާރެއް ނޯންނާނެޔޭ ކިޔައިގެން، ބައެއް ޞަޙާބީންނަށް ވެސް މިކަމުގެ ނުބައި އަސަރު ފޯރި ކަމަށްވެސް ޚުޠުބާ އިން ބުނެއެވެ. މި ނުުބައި ދޮގު ވާޙަކަތަކުން މުސްލިމުން ސަލާމަތްވީ އަބޫބަކުރުގެފާނުގެ ދުރު ވިސްނުންފުޅުގެ ސަބަބުން ކަމަށް ޚުޠުބާ އިން ފާހަގަކުރުއްވައެވެ.
އެގޮތުން ދޮގު ވާހަކަ ފެތުރުމާ ދުރުހެލިވުމަކީ، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށާއި އެއީ އިސްލާމް ދީން އެކަންކަމުން ދުރުލެހެލިވުމަށް އަންގަވާފައިވާ، އަޚްލާޤީ ގޮތުން ނުބައި ޢަމަލެއްކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ.
އަދި އެ ޢަމަލުތަކުގެ ތެރޭގައި އެއްގޮތް ތެދު ލާބަޔަށްޓަކައި، ޙަބަރު ފަތުރާ ވަސީލަތްތަކުން މި ޒިއްމާ އަދާކުރުމުގައި އަމާނާތްތެރިވާން ޖެހޭނެ ކަމަށް ޙުޠުބާ އިން ބުނެފައިވެއެވެ. ސޯޝަލް މީޑިޔާ ފަދަ ވަސީލައްތަކުން، މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ދޮގު ޚަބަރުތައް ލިޔެ ފަތުރާކަން ޚުޠުބާ އިން ހާމަކުރައްވާފައިވެއެވެ.
މިފަދަ ޙަބަރެއް މީހެއްގެ ފުށުން ވިޔަސް އަދި އެ ފަދަ ވަސީލަތަކުން ވިޔަސް ލިބިއްޖެނަމަ، އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދުދޮގު ބަލަން ޖެހޭނެކަމަށާއި އިސްލާން ދީން އަމުރު ކުރަނީ ޚަބަރެއް އިވިއްޖެނަމަ އެކަމުގެ ޙަޤީޤަތް ބެލުމަށް ކަން ޙުޠުބާ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް