ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސް އިން އަމާޒު ހިފައިފިއެވެ.
މިކަން އިއުލާނުކުރައްވަމުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ކެނޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންޖެހޭކަމަށް ދެކެލައްލާވަކަމަށެވެ.
https://twitter.com/ilyas_labeeb/status/1702351169652408779
އިލްޔާސްގެ އެ ހިޔާލުފުޅަށް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާހެން ޑިމޮކްރެޓްސްގެ އެހެން ލީޑަރުން، އެ ޓްވީޓް ރީޓްވީޓްކުރައްވައި އެ ހިޔާލަށް ސަޕޯޓުކުރައްވާފައިވާއިރު އިލްޔާސްގެ ރަނިންމޭޓުގެ ގޮތުގައި ހުންނެވި ހުސެއިން އަމްރު ވަނީ މިކަމާއި ގުޅޭގޮތުން މިއަދު އިތުރަށް ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން އަމްރު މިއަދު ވިދާޅުވީ ކޯލީޝަން މަޝްވަރާއަކީ އެއީ ކަމަށާއި ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށެވެ.
"އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް." އަމްރު ވިދާޅުވެފައިވެއެވެ.
https://twitter.com/HusenAmr/status/1702550759265685982
އަމްރު ވިދާޅުވެފައިވަނީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ ތިން ދައުރުން ސާފުވާކަމަށާއި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ ދެ ވަނަ ބުރާ ދޭތެރޭގައި ކަމަށެވެ.
އިތުރަށް މައުލޫ ފުޅާކޮށްދެއްވަމުން އަމްރު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްއިން އެދެނީ މި މަހުގެ 25ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭގޮތުން ބަސް ބުނަން ފުރުސަތު ދިނުން ކަމަށާއި އަދި އޭގެ ފަހުން 30 ވަނަ ދުވަހު ދެވަނަ ބުރެއްގައި ވޯޓުލުން ކަމަށެވެ.
"ނިޒާމަށް ބަދަލުގެންނަން ފެނިއްޖެނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާ" އަމްރު ވިދާޅުވެފައިވެއެވެ.
https://twitter.com/HusenAmr/status/1702560064257864180
ވެރިކަންކުރާނީ ރިޔާސީ ނިޒާމުންތޯ ބަރުލަމާނީ ނިޒާމުންތޯ އުފެދޭ ސުވާލަށް ހައްލެއް ހޯދައި ނިޒާމުގެ ވޯޓެއްގެ ވާހަކަ ޑިމޮކްރެޓްސްއިން ދައްކަން ފަށާފައިވާއިރު އެ ޕާޓީން ވަނީ އެ އެޖެންޑާ މަޖިލީހުގެ ތަޅުމަށްވެސް މިހާރު ވައްދާފައެވެ. ބެލެވޭގޮތުގައި އަންނަ ހަފްތާގައި ތަޅުމުގައި ފުޅާދާއިރާއެއްގައި އެކަމުގެ ބަހުސްވެސް ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް