ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތަށް ބޭނުންވާ އިތުރު ފެރީތަކެއް ބަނުމަށް އަލްޝާލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީއެވެ.
މި އެއްބަސްވުމުގެ ދަށުން65 ހައި ސްޕީޑު ފެރީ ބަނުމަށް ހަވާލު ކުރެވުނެވެ. މިއީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ހިދުމަތަށް ބޭނުން ކުރުމަށް ބަންނަ ފެރީތަކެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑު ފެރީ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. މިއީ ދައުލަތުގެ ބަޖެޓުން 536 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުންވަނީ 17 ފެރީ ބަނދެފައެވެ. އެއީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މިފެރީތައް މިހާރު ޒޯން އެކެއްގައި ހިމެނޭ ހއ.އަތޮޅާއި ހދ.އަތޮޅާއި އަދި ށ.އަތޮޅުގައި އަންނަނީ ޚިދުމަތް ދެމުންނެވެ.
އެމްޓީސީސީއިން އަންނީ ޒޯން ދޭއް އަދި ތިނެއްގައި ހިމެނޭ އަތޮޅުތަކުގައި ޤާއިމުކުރަންޖެހޭ ފެރީ ސްޓޮޕްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް