މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ވަކި ގައުމަކަށް ސަރުކާރުން ނުބަލާނެ ކަމަށް ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއުވާން މިހެން ވިދާޅުވީ ތިލަމާލެ ބްރިޖް އަޅާ ކުންފުނި ކަމަށްވާ އިންޑިއާގެ އެފްކޮންގެ ބްރިޖު ޕްލެޓް ފޯމެއް ވިލިމާލޭ ފަރަށް އަރައި ބޮޑޮތެ ގެއްލުންތަކެއް ވެފައިވާ ދަނޑިވަޅެއްގައި އެވެ. އެކަމާއި ގުޅިގެން ކުންފުންޏައި ދެކޮޅަށް މި ސަރުކާރަށް މައްސަލަ ބަލަން ނުކެރޭނެ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
މިއުވާން ވިދާޅުވީ ވިލިމާލެ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން ވަކި ގޮތެއް ހަދަން ނުވަތަ ވަކި ގޮތެއް ނުހަދާކަށް ސަރުކާރުން އިރުޝާދެއް ނުދޭނެ ކަމަށެވެ. އަދި ވަކި ގައުމަކުން އެހީ ދޭތީ ހިންގާ ޕްރޮޖެކްޓަކަށް ތަފާތު ކުރުން ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕްލެޓްފޯމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ހަދަމުން ދިޔަ ރިޕޯޓު މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި އެ ރިޕޯޓަށް އެފްކޮންގެ ކޮމެންޓެއް ހޯދަން ފޮނުވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
ވިލިމާލެ ފަރުގައި އެޅިފައި ހުރި ދަގަނޑުތަކާއި ކުނިތައް ސާފު ކުރުމަށް ފަހު ލިބިފައި ހުރި ގެއްލުންތައް ބަލައި އީޕީއޭ އިން ވަނީ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ބްރިޖު ޕްލެޓްފޯމު ފަރުން ނެގުނީ 12 ދުވަސް ފަހުންނެވެ.
އީޕީއިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ވުރެ ފުން ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ. އެ ވަޅުގަނޑުުތަކަށް އީޕީގެ ޑައިވަރުން ޑައިވް ކޮށްފައި ހުރި ފޮޓޯތައްވެސް އޭގައި ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް