ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެއްވެސް އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާއަށް މައުލޫމާތެއް ނުދެއްވާނެކަމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ދިޔަރެސް ނޫހުގައި މިއަދު ޝާއިޢުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
އެ ނޫހުގައި މިއަދު ޝާއިޢުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ރައީސް އޮފީހުގެ ވަފްދެއް، އިނގިރޭސި ރާނީގެ ޖަނާޒާއަށް ވަޑައިގެންނަވާ ކަމަށާއި އެ ދަތުރުގެ ބަޖެޓެއްގެ ގޮތުގައި ތިން މިލިޔަން އެލޮކޭޓްކޮށްފައިވާކަމަށެވެ. އަދި އެ މައުލޫމާތު އެ ނޫހާއި ހިއްސާކޮށްފައިވަނީ ރައީސް އޮފީހުގެ އިސް އޮފިޝަލެއް ކަމުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް ދެއްވި މެސެޖެއްގައި މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލެއް ނަން ނުޖެހުމަށް ޝަރުތުކޮށް މީޑިއާއަށް މައުލޫމާތެއް ނުދޭނެ ކަމަށާއި "ރައީސް އޮފީހުގެ ވެރިއެއް" ވިދާޅުވިކަމަށް ބުނެ ލިޔެފައިވާ އެ އާޓިކަލްގައިވަނީ ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ.
މިކަމަކީ ދިޔަރެސް ނޫހުން ތަކުރާރުކޮށް ކުރަމުން އަންނަ ކަމެއް ކަމަށާއި އެއީ ނޫސްވެރިކަމުގެ އެތިކްސް އާއިވެސް ހިލާފުކަމެއް ކަމުގައި މިއުވާން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް