ކ. ދިއްފުށީ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ލެބޯޓްރީ ރަސްމީކޮށް ހުޅުވައި ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.
އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ދިއްފުށީ ލެބޯޓްރީން އާއްމުކޮށް ހެދޭނެ ޓެސްޓުތަކުގެ ތެރޭގައި ޝުގަރ ޕްރޮފައިލް، ލިޕިޑް ޕްރޮފައިލް، ރީނަލް ޕްރޮފައިލް، ލިވަރ ޕްރޮފައިލް، ކާޑިއެކް ޕްރޮފައިލް ހިމެނެ އެވެ. އަދި އިލެކްޓްރޮލައިޓްސް، ބޯން ޕްރޮފައިލް، ސީރޮލޮޖީ ޓެސްޓް، ކޮންޕްލީޓް ބްލަޑް ކައުންޓް ޓެސްޓު ހެދޭނެ އެވެ.
މި ޓެސްޓުތައް އެތަނުން ހެދޭ ގޮތް ވުމުން ހަކުރުބަލި، ހިތުގެ ބަލި، ލޭމައްޗަށްދާ ބަލި، ކިޑްނީ މައްސަލަތައް ދެނެގަތުމަށް ފަސޭހަވާނެ އެވެ. އޭރުން ކުރިޔާލާ ބަލި ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހެލްތުން ބުނީ ރާއްޖޭގައި އާއްމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައްވެސް އެ ލެބޯޓްރީން ހެދޭނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ ވަރަށް އަވަހަށް ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ޚިދުމަތްވެސް އެ މަރުކަޒުން ދޭން ފަށަން ނިންމާފައިވާ ކަމަށެވެ. ލެބޯޓްރީ އާއި އެކު މިހާރު އެމަޖެންސީ ހާލަތުގައި ކުއްލި ފަރުވާ ލިބޭނެ ނިޒާމުވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް