ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު އެއްޗެކެވެ. ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް މާއްދާއަކީ ވެސް ފެނެވެ. ފެނާ ނުލައި އިންސާނާއަށް ދިރި ދުނިޔޭގައި ހުރުމަކީ އުނދަގޫ ކަމެކެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ، އެކަމުގެ ސަބަބުން ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން އެތައް ބޮޑެތި ގެއްލުންތަކެއްވެސް ލިބެއެވެ. އެހެންނަމަވެސް ފެން ބުއިމުގެ އާދަ އަށަގެންފައި ނެތުމުގެ ސަބަބުން، ނުވަތަ ފަރުވާކުޑަ ވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ފެން ނުބޮވި ތިބެވޭތަން އާދެއެވެ. މިކަމުގެ ސަބަބުން ގިނަ ސިއްޙީ މައްސަލަތައް ކުރިމަތިވަމުން އާދެއެވެ.
ހަށިގަނޑުން ފެން މަދުވާނަމަ، ބޭރުފުށުން އެކަމުގެ ޢަލާމާތްތައް ފެންނަން ފަށައެވެ. އެގޮތުން ފެންނާނެ ޢަލާމާތްތަކުގެ ތެރޭގައި ލޮލާއި، ކޯ ވަޅުވަނުމާއި ލޮލުން ކަރުނަ މަދުވުން ނުވަތަ ކަރުނަ ނެތުމާއި ހަމުގެ ވާންކަން ކެނޑި ހަންގަނޑު ދޫޖެހުމާއި، ބަނޑު އެތެރެއަށް ވަނުމާއި ސިކުނޑިވަޅު އަޑިވުން ހިމެނެއެވެ. މީގެ އިތުރުން އަނގަހިއްކުމަކީވެސް މިކަމުގެ ފާޅުކަން ބޮޑު ޢަލާމާތެކެވެ.
އާދައިގެ ގޮތެއްގައި އިންސާނަކަށް ދުވާލެއްގެ މައްޗަށް މަދުވެގެން 8 ނުވަތަ 10 ތަށި ފެން ބޭނުންވެއެވެ. ބުރަ މަސައްކަތް ކުރުން ނުވަތަ ކަސްރަތު ކުރުމާއި، ކުޅިވަރު ކުޅުންފަދަ، ގިނައިން ދާހިއްލާކަހަލަ ކަންކަން ކުރާނަމަވެސް މިދެންނެވި މިންވަރަށް ވުރެ ގިނައިން ފެން ބޯން ޖެހެއެވެ. އެއަރކޯނު ތެރޭގައި ގިނަ ވަގުތު ހޭދަކުރުމަކީވެސް ހަށިގަނޑަށް ގިނައިން ފެން ބޭނުންވާ ކަމެކެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ފެން ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ހަށިގަނޑުން ފެން މަދުވެއްޖެނަމަ ވަރަށް ގިނަގުނަ ސިއްޙީ މައްސަލަތައް ކުރިމަތިވެ އެވެ. އޭގެތެރޭގައި ކިޑްނީގެ މައްސަލަތައް ކުރިމަތިވުމާއި، ހަޖަމުގެކުރުމުގެ ނިޒާމަށް ބުރޫ އެރުމާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެއެވެ. އެގޮތުން އިންސާނުންނަށް އެންމެ ގިނައިން އާންމުކޮށް ދިމާވާ އެއްކަމަކީ ބޮލުގައި ރިހުމެވެ.
ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ ހަށިގަނޑު ޑީހައިޑްރޭޓް ވުމަކީ ބޮލުގައި ރިހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ރަނގަޅަށް ފެންބުއިމުން ބޮލުގައި ރިހުމުން ސަލާމަތްކޮށްދެއެވެ. އާންމުކޮށް ބޮލުގައި ރިއްސާ މީހުންވެސް ފެންބޯ މިންވަރު އިތުރުކޮށްފިނަމަ، ބޮލުގައި ރިހޭ މައްސަލައަށް ހައްލު ލިބޭ ކަމަށް ދިރާސާއިން ދައްކައެވެ.
ކޮންމެ ކަމަކީވެސް ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމެކެވެ. ކަމެއް ކުރިމަތިވުމުގެ ކުރިން އެކަމަކުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ހުރުމީ ބުއްދިވެރިންގެ ގޮތެވެ. އެހެންކަމުން ފެންމަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބޯ މީހަކު ކަމުގައި ކޮންމެ މީހަކުވެސް ވަމާތޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް