މިިއުޒިޝަންސް ޔޫނިއަން އާއި ދަ އައިލެންޑް ޗީފް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އާއި ދަ އައިލެންޑްޗީފް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ އެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ފަނ...

15 Sep 2021 | 16:39

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އާއި ދަ އައިލެންޑްޗީފް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ އެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންނަށް އަމާޒުކޮށް އެ ފަންނުވެރިން ކުރިއެރުވުމަށް މިއުޒިޝަންސް އެމް.ޔޫ.އެމް އާއި ދަ އައިލެންޑްޗީފް ގުޅިގެން މަސައްކަތްކުރުމަށް ވެފައިވާ އެއބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ދަ އައިލެންޑްޗީފްއިން ކޮންމެ މަހަކު ޝާޢއުކުރާ ނޫސް މަޖައްލާގައި ޔޫނިއަންއަށް ނިސްބަތްވާ ދިވެހި ފަންނުވެރިންނަށް ޚާއްސަ ކޮލަމެއް ހިމެނުމަށްވަނީ ހަމަޖެހިފަ އެވެ.

ދަ އައިލެންޑްޗީފް އާއި ގުޅިގެން ކުރެވޭ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ނޫސް މަޖައްލާގައި ޝާޢިއު ކުރެވިގެންދާ ފަންނުވެރިންނަށް ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީގެ ދާއިރާތަކުން އިތުރު ފުރުސަތުތައް ފަހިވެގެން ދިޔުމާއި ފަންނުވެރިންނަށް ލިބޭ އާމްދަނީ އާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ، ދިވެހި މިއުޒިކީ ސިނާއަތް އިތުރަށް ފުޅާކުރެވެގެން ދިޔުމެވެ.

ދަ އައިލެންޑްޗީފް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކުރެވިގެން ޚަބަރުތައް ގެނެސްދޭ ޕްރިމިއަރ ނޫސް މަޖައްލާ އެކެވެ.

ޕްރިންޓް އެޑިޝަން އަދި އޮންލައިންކޮށް ލިބެން ހުންނަ މި ނޫސް މަޖައްލާއިން، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި މާރކެޓް އިންޓެލިޖެންސް، ޓްރެންޑް އެނަލިސިސް އަދި ކުއްލި ޚަބަރުތަކާއި އެކްސްކްލޫސިވް އިންޓަވިއުތައް ގެނެސްދެ އެވެ.

މީގެ އިތުރުން އެންމެ ފަހުގެ އިންޑަސްޓްރީ ޑާޓާ އިންސައިޓްސްތަކާއި ޕާސެޕްޓިވް ވީޑިއޯތަކުން ފަތުވެރިކަމާއި ހޮސްޕިޓަލިޓީގެ ދާއިރާގެ މަޢުލޫމާތު ކިޔުންތެރިންނަށް ލިބިގެންދާނެ އެވެ.

މި ނޫސްމަޖައްލާގެ ކިޔުންތެރިންގެ ތެރޭގައި ހޮޓެލިއާރޒް، ޓްރެވަލް އޭޖެންޓުން، އެއަރލައިންތައް، އިވެންޓް އަދި މީޓިންގ އޯގަނައިޒަރސް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފުންނާބުއުސް ފަރާތްތައް ހިމެނެ އެވެ.

ދަ އައިލެންޑް ޗީފް އާއި ގުޅިގެން މަސައްކަތްކުރުމަށް ލިބުނު މި ފުރުޞަތަކީ ނުހަނު އަގުހުރި ފުރުޞަތެއްކަމަށް އެމް.ޔޫ.އެމް އިން ދެކެ އެވެ. އަދި މި މަސައްކަތުގެ ތެރެއިން ޔޫނިއަންއަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ފަންނުވެރިން ކުރާ މަސައްކަތްތައް ބަލައިގަތުމާއި އެކު އެ މަސައްކަތުގެ އަގު ވަޒަންކުރެވިގެންދާނެ ކަމަށް އުއްމީދު ކުރެއެވެ.

މީގެ އިތުރުން މި ފުރުޞަތަކީ އެ ފަންނުވެރިންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ވެސް ހުޅުވިގެންދާނެ އަދި މިކަމުގެ ސަބަބުން މިއުޒިކީ ދާއިރާއަށް ތަފާތު ހެޔޮ ބަދަލުތަކެއް ގެނައުމަށް ލިބޭނެ ފުރުޞަތަކަށް ވެގެންދާނެކަމަށް އެމް.ޔޫ.އެމް އިން އުންމީދުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް