ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާ ފޮނުވައި ރައީސް މައުމޫންގެ އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަން ކަމަށެވެ.
އެހެންނަމަވެސް ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު، ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަން އެޕާޓީން ކަށަވަރު ކުރާކަމަށް ވަނީ ބުނެފަ އެވެ. އަދި އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް އެމް.އާރް.އެމް އިން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން. ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން ދިޔަ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު، އަދި ކުރެވެމުންދާ މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 09 ވަނަ ދުވަސް ކަމަށާއި، އެދުވަހުގެ ރޭ، އޭރުގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިޢުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގުކޮށައިދިން ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް