ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކުރާނެ: ރައީސް

ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވ...

15 Sep 2021 | 15:32

ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.

ރައީސް ވިދާޅުވީ އެ ޙައްޤުތައް ލިބިދެވޭކަން ވެސް ކަށަވަރުކުރާނެ ކަމަށާއި ޚާއްޞަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި މަޢުލޫމާތު ޢާންމުކުރުމަކީ ވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދުވަހުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުންކަމުގަ އެވެ.

"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޙައްޤުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރު ކުރުމާއި ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ޙައްޤު ލިބިދިނުމަކީވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް