މޮސްޓާ އާއި ޖޭފޯ ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރަން: ނާޒިމް

މޮސްޓާ އާއި ޖޭފޯ މިވަގުތަށް ސޮއިނުކުރި ނަމަވެސް ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ކުޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހ...

15 Sep 2021 | 10:55

މޮސްޓާ އާއި ޖޭފޯ މިވަގުތަށް ސޮއިނުކުރި ނަމަވެސް ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ކުޅުއްވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީއާއި އުފެއްދުމާއި ހަމައަށް އެޕާޓީއާއިއެކު މަސައްކަތްކުރި، މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) އެމްއެންޕީއާ ގުޅުން މަޑު ޖައްސާލަން ނިންމިކަން އިއުލާނު ކުރުމައި ގުޅިގެން ނެވެ.

އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަކުރުމަށް ފަހު، ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ އަމިއްލަ ވިސްނުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމްއެންޕީގައި އޮންނާނެ ކަމަށެވެ.

"އެ ދެ މެންބަރުން މިވަގުތަށް ސޮއިނުކުރި ނަމަވެސް ވަރަށް އަވަހަށް ޕާޓީއާއި ގުޅޭނެކަމަށް އުންމީދުކުރަން." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދުމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް މިދިޔަ ޖުލައި 15 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު އަދި އެއަށްވުރެ ވެސް ކުރިން އެމްއެންޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި މޮސްޓާ އާއި ޖޭފޯ އެޕާޓީގެ މަސައްކަތްތަކާ ދުރަށް ދިޔަކަން ހާމަކުރީ ރޭގަ އެވެ.

އެ ދެ ބޭފުޅުން ވިދާޅުވެފައިވަނީ އެމްއެންޕީ އާ އެކު ކުރަމުން ދިޔަ މަސައްކަތް މިހާ ހިސާބުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ހުރިގޮތުން ވަކި ޕާޓީއަކާއި ސީދާ ގުޅިގެން މަސައްކަތް ކުރުމަކީ އެހާ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

ޕާޓީ އެއް އުފެއްދުމުގައި މަސައްކަތްކޮށްދިނުމަކީ އެ ޕާޓީއަކާ ގުޅުން ނޫން ކަމަށާއި މަޖިލީހަށް އައީ ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ނޫން ކަމަށް މޮސްޓާ ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ހުންނަން ބޭނުންވަނީ އެގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް