ބީއެމްއެލް އިން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ ޕާޓްނަރޝިޕް އައު ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގެ އައުކޮށްފި އެވެ. މިއަދު ޤައުމީ ފުޓްބޯޅަ ދަނޑުގައި ބ...

15 Sep 2021 | 09:57

ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގެ އައުކޮށްފި އެވެ.

މިއަދު ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ހަފްލާގައި މި އެގްރީމަންޓުގައި ސޮއި ކުރެއްވީ ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އަދި އެފް.އޭ.އެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ޤައުމީ ސީނިއަރ ފިރިހެން ޓީމާއި، ސީނިއަރ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަރޝިޕް އައު ކުރެވިގެންދާކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ނުހަނު ބޮޑު އިސްކަމެއްދޭކަމެއް ކަމަށެވެ.

" ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން." ޓިމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބީއެމްއެލް އާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ ލިބޭ ފަޚުރެއް އަދި އުފަލެއް ކަމަށެވެ.

" އަަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަޚުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. މި ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން  ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." ބައްސާމް ވިދާޅޫވި އެވެ.

2017 ވަނަ އަހަރުން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަަރަކީ ވެސް ބޭންކް އޮފް މޯލްޑިވްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް