ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވަށައިގެން ޖޭޕީގެ އާންމު މެންބަރުން އެނބުރެނީ އެމަނިކުފާނު ހައްގު ބަސް ވިދާޅުވާތީ ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިލްހާމް ވިދާޅުވީ އެމްޑީޕީ ވެސް ވަށައިގެން އެނބުރެނީ އެއް ލީޑަރެއް ފަހަތުގައި ކަމަށާއި ޕީޕީއެމް ވެސް އެނބުރެނީ އެންމެ ލީޑަރެއް ވަށައިގެން ކަމަށެވެ.
އިލްހާމް ވިދާޅުވީ ގާސިމް ވަށައިގެން ޖޭޕީގެ އާންމު މެންބަރުން އެނބުރޭނެ ކަމަށާއި ސަބަބަކީ އެހެން ހުރިހާ ވެރިން ޓެސްޓް ކުރެވުނުއިރު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުންނާއި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށް ހައްޔަރު ކުރުމުން ހައްގު ބަސް ވިދާޅުވެ ފުރަތަމަ ނުކުންނެވީ ގާސިމް ކަމަށެވެ.
އިލްހާމް ވިދާޅުވީ މި ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ޖަލަށް ލައި ވާނުވާ ޖެހުމުން އެ ކަން ކޮށްގެން ނުވާނެ ކަމަށް ފުރަތަމަ ގޮވާލެއްވި ބޭފުޅަކީ ވެސް ގާސިމް ކަމަށެވެ.
މީގެ އިތުރުން، ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތުގައި ދައުވާތަކެއް އުފުލިފައިވާ އަލީ ވަހީދުގެ މައްސަލާގައި ގޮތް ނޭނގޭ އެތައް ކަމެއް އޮތުމުން އެ ކަން ވެސް ރަނގަޅަށް ތަހުގީގު ކޮށްފައި ނޫނީ ވަކި އެއްޗެއް ވިދާޅުވާން ނުވާނެ ކަން ފާހަގަ ކުރެއްވި ފުރަތަމަ ލީޑަރަކީ ވެސް ގާސިމް ކަމަށް އިލްހާމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް