ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މަސައްކަތްތައް މިނިސްޓްރީ އާ ހަވާލުވިފަހުން، ފުރަތަމަ ކުރި މަސައްކަތްތަކަކީ އެއީ އެނގޭ ކަމަކަށް ނުވާތީ، އެމަސައްކަތްތައް ދިރާސާކުރުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ (އެންޑީއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެއްވަމުން ނެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ އެންޑީއޭ މަސައްކަތް ކުރާނެ ތަނެއް ނެތްކަން އެނގިގެންދިޔަ ކަމަށާއި އެ މަަސައްކަތްތައް ކުރަމުންގެންދިޔަ ތަނަކީ ކަތުރުފަނި އަޅައި، މަސައްކަތް ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެއް ކަމަށެވެ.
އެހެންވެ، އެހެން ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރެވޭނެ ގޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ނަސީމު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ރަނގަޅު އިންތިޒާމެއް މިހާތަނަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
އެންޑީއޭގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަދަލު ކުރެއްވީ މިއަހަރުގެ މެއި މަހުގެ ފަހަކުން ފެށިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް