މާލެ ސަރަޙައްދުގެ މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން، ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މާލެ ސަރަޙައްދަށް ފެރީގެ ޚިދުމަތް ދެމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ޚިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ޚިދުމަތްތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިގޮތަށް ނިންމާފަވަނީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ކުންފުނިން ބުނީ ފެރީގެ ޚިދުމަތް އަލުން ފަށާނީ، ދަތުރުކުރެވޭވަރަށް ކަނޑުމަޑުވެ، މޫސުން ރަނގަޅުވުމުންކަމަށެވެ.
މާލެ-ހުޅުމާލެއާ ދެމެދުކުރާ ފެރީގެދަތުރުތައް މެދުކަނޑާލިނަމަވެސް، އެމްޓީސީސީން ދެމުންދާ ބަހުގެ ޚިދުމަތް ލިބެނޭނެއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ، މާލޭ ހިމެނޭ ސަރަޙައްދަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މި ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމާއެކު އަދި ކަނޑުތައްވެސް ގަދަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް