ވީއައިއޭގެ ފްލައިޓް އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް އެބަ ދޭ: އެމްއޭސީއެލް

މޫސުން ގޯސް ނަމަވެސް، ފްލައިޓްތައް ޖައްސައި އެއަރޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނީގެ މީޑި...

15 Sep 2021 | 05:49

މޫސުން ގޯސް ނަމަވެސް، ފްލައިޓްތައް ޖައްސައި އެއަރޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނީގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް ވިދާޅުވީ، ހެނދުނު ކުރިމަތިވި ގަދަ ކޮޅިގަނޑެއްގެ ސަބަބުން ދެ ފްލައިޓެއް ޑައިވަރޓްކުރަން ޖެހުނު ކަމަށެވެ.

އެކަމަކު އެހެން ފްލައިޓްތައް އެއާަރޓަށް ލޭންޑްކުރަމުންދާ ކަމަށާއި އެއަރޕޯޓްގެ އޮޕަރޭޝަންތައް އާންމު ހާލަތުގައި ކުރިއަށްދާ ގޮތަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަރޕޯޓް އޮޕަރޭޝަންތައް ކުރިއަށް ދިޔަ ނަމަވެސް، މާލެ ސަރަޙައްދުގެ މޫސުން ގޯސްވުމާ ގުޅިގެން، ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ.

މާލެ ސަރަޙައްދަށް ފެރީގެ ޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރީ އެ ކުންފުނިން ޚިދުމަތްދެމުން އަންނަ މާލެ-ހުޅުމާލެ، މާލެ-ވިލިމާލެ، މާލެ-ތިލަފުށި އަދި މާލެ-ގުޅީފަޅުގެ އާއްމު ފެރީދަތުރުގެ ޚިދުމަތްތައް ވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފަވަނީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް އެމްޓީސީސީން ބުނެ އެވެ. އެގޮތުން މިއަދުގެ ހުރިހާ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އެ ކުންފުނިން ވިދާޅުވީ އަލުން ޚިދުމަތް ފަށާނީ، ދަތުރުކުރެވޭވަރަށް ކަނޑުމަޑުވެ، މޫސުން ރަނގަޅުވުމުން ކަމަށެވެ.

ފެރީ ނިޒާމަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. ޚާއްސަކޮށް ވިލިމާލޭ ގުޅީފަޅު އަދި ތިލަފުއްޓަށް ދަތުރުކުރުމުގައި އޮތް ހަމައެކަނި، އާއްމު ދަތުރުފަތުރުގެ ނިޒާމަކީވެސް ފެރީ ނިޒާމެވެ.

މާލެ-ހުޅުމާލެއާ ދެމެދުކުރާ ފެރީގެދަތުރުތައް މެދުކަނޑާލިނަމަވެސް، އެމްޓީސީސީން ދެމުންދާ ބަހުގެ ޚިދުމަތް ލިބޭނެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ، މާލޭ ހިމެނޭ ސަރަޙައްދަށް ޔެލޯ އެލަރޓް ވެސް ނެރެފަ އެވެ. މި ގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމާއެކު އަދި ކަނޑުތައްވެސް ގަދަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް