ތ. ހިރިލަންދޫ ސްކޫލްގެ ބައެއް ކްލާސް ރޫމްތަކަށް ވާރޭ ވެހޭ މައްސަލަ ހައްލު ނުކޮށްދީގެން ބެލެނިވެރިން ނުކުމެ ސްކޫލް ބަންދުކޮށްފި އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ހިރިލަންދޫ ހިމެނޭ ސަރަހައްދަށް މިއަދު ދަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހެމުންނެވެ. އެ ސްކޫލްގެ ކްލާސް ރޫމުތަކުގެ ތެރެއިން ވާރޭ ވެހެމުން ދަނީ އެންމެ ފުރަތަމަ ސްކޫލްގައި އިމާރާތް ކޮށްފައި ހުރި ކްލާސްރޫމްތަކަށެވެ.
އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައިސާ އާމިނަތު ފަރީޝާ "ދުވަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްލާސް ރޫމްތައް ބަންދު ވާނެހެން ދޮރު ލައި ދިނުމަށް ނުވަތަ އެހެން ކްލާސް ރޫމްތަކެއް އަޅައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބެލެނިވެރިންނާއި މެނޭޖްމެންޓުން އެދޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް ވިއްސާރަ ދުވަސް ތަކުގައި ކްލާސްރޫމްތަކުގެ ދޮރު ތަކުގެ ގޮތުގައި ބޭނުން ކުރަމުންދަނީ ސަތަރި ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު ފަހުކޮޅު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެ ރަށަށް ކުރެއްވި ދަތުރުގައިވެސް އެކަން ސްކޫލުން ފާހަގަކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިސްޓްރީން އަބަދުވެސް ބުނަނީ ވަރަށް އަވަހަށް އެ މައްސަލަ ހައްލުވާނެ ކަމަށް ކަމަށެވެ. އެންމެ ފަހުން ބުނެފައިވަނީ ދެ މަސް ތެރޭގައި މައްސަލަ ހައްލު ވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އެ ސްކޫލްގެ ލީޑިން ޓީޗަރު އަހުމަދު ހުސައިން މަނިކު ވިދާޅުވެފައިވަނީ ވިއްސާރަ ކޮންމެ ދުވަހެއްގައި ހިރިލަންދޫ ސްކޫލްގެ ހާލަތަކީ އެއީ ކަމަށެވެ. ކޮންމެ އަހަރަކު މިކަހަލަ ކިތަންމެ ދުވަހެއް އަންނަ ކަމަށާއި އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.
މަނިކު ވިދާޅުވެފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ހައްލެއް ގެނެސް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އެކަމަކު ޔަގީން ނުވާނީ ތާރީހު ކަމަށެވެ.
އެޑިއުކޭޝަން މިނިސްްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިރިލަންދޫ ސްކޫލަށް ދިމާވެގެން އުޅޭ ކަންކަން އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.
ބެލެނިވެރިން ނިންމާފައިވަނީ މައްސަލައަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ ދެން ސްކޫލް ހުޅުވައިގެން ކިޔަވައިދިނުމުގެ ފުރުސަތު ނުދިނުމަށެވެ. ބޯކޮށް ވިއްސާރަ ވެހުމުން ކްލާސްތަކަށް ފެންވަދެ ދަރިވަރުންގެ ފޮތްތައް ހަލާކުވާން ފެށުމުން ކިޔެވުން މިއަދުވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ ކަމަށް ބެލެނިވެރިން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް