ޑިމޮކްރެސީ ގެންނަން ޖާނާއި މާލުން ގުރުބާންވެ، ނަޝީދަށް ވުރެ ގިނަ މަސައްކަތް ކުރިން: ގާސިމް

ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ޖާނާއި މާލުން ގުރުބާންވެގެން ކަމަށާއި، ޑިމޮކްރަސީ ގެނެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމ...

15 Sep 2021 | 04:47

ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ޖާނާއި މާލުން ގުރުބާންވެގެން ކަމަށާއި، ޑިމޮކްރަސީ ގެނެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ، ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެ ބުރަ އުފުއްލި މީހަކީ އެމަނިކުފާނު ކަމަށެވެ.

ގާސިމް ވިދާޅުވީ، އެކަން ކުރެވުނީ ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން ބޮޑެތި ރިސްކުތަކެއް އުފުލައިގެން ކަމަށެވެ.

"ވަރަށް ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްގެން ވަރަށް ބޮޑެތި ރިސްކުތަކެއް އުފުލައިގެން އަޅުގަނޑުމެން ޑިމޮކްރަސީ މިރާއްޖެއަށް ގެނެވުނީ."

ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުންނަވައިގެން ކަމަށާއި، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގައި ހުންނަވައިގެން ކަމަށެވެ.

"އަޅުގަނޑު އިސްވެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓިއަށް ސޮއިކުރީ. ޕާޓީއަށް ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު. އޭގެ ނަތީޖާއެއްގެގޮތުން ބޮޑެތި އެތައް އަނިޔާތަކެއް ތަހައްމަލް ކުރަންޖެހުނު. ބިންގަރާހުގަ 7 ދުވަސް ވާންދެން ބޭއްވި. އެތައް ކެކުޅުންތަކެއް ލިބުނު." ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، މި ހުރިހާ އަނިޔާތަކާއި ލިބެމުންދިޔަ ނިކަމެތިކަމާއެކުވެސް ހައްގުބަސް ބުނުން ދުވަހަކުވެސް ހުއްޓާ ނުލައްވާ ކަމަށާއި، އެހެނެކޭ ކިޔާފައި އެ އަނިޔާތައް ދިން ބޭފުޅަކާ ޒާތީކަމެއްވެސް ނުބާއްވާ ކަމަށެވެ.

މީގެ އިތުރުން ޤާސިމް، ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ކޯލިޝަނެއްގަ ކަމަށްވިޔަސް އަދި ކޯލިޝަނެއްގައި ނޫންކަމަށް ވިޔަސް، ހައްގުބަސް ބުނުމާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ސިފައެއްގެ ކަމެއް އަންނަ ކަމަށް ވަންޏާ، ބުނަންޖެހޭ ހައްގުބަސް އެހިނދަކަށް ފެނުނު މިންވަރަކަށް އަބަދުވެސް ބުނަމުން ގެންދަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް