ޗެމްޕިއަންސް ލީގު: ޔުނައިޓެޑު ހިތްދަތި ގޮތަކަށް ބަލިވިއިރު، ރޮނާލްޑޯއަށް ރެކޯޑެއް

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ރޭ ފެށުނު އިރު، ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ސްވިޒަލެންޑްގެ ޗެމް...

14 Sep 2021 | 19:48

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ރޭ ފެށުނު އިރު، ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ސްވިޒަލެންޑްގެ ޗެމްޕިއަން ޔަންގް ބޯއީސްއާއި ދެކޮޅަށް ކުޅުނު މި މެޗުން ޔުނައިޓެޑު ބަލިވީ 1-2 ގެ ނަތީޖާއިންނެވެ

ޔުނައިޓެޑު މެޗަށް ނިކުތީ މިފަހަރުގެ ހޫނު މޫސުމުގައި އެޓީމާއި ގުޅުނު ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑުވެސް ނަގާފައެވެ. ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއި އެކު ޔުނައިޓެޑުން ލީޑު ނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޔުނައިޓެޑުންނެވެ.

ޔުނައިޓެޑަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރ އާރޮން ވެން ބިސާކާއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ބިސާކާއަށް ރެފްރީ ރަތްކާޑު ދެއްކީ އޭނާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. މިއާއި އެކު ޔުނައިޓެޑުން މެޗުގެ ބާކީ ބައި ކުޅެފައިވަނީ 10 ކުޅުންތެރިނާއި އެކުގައެވެ.

ރޮނާލްޑޯގެ ލަނޑާއި އެކު ލީޑުގައި އޮވެ ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ޔުނައިޓެޑަށް މާ ގިނައިރު އެ ލީޑުގައި ދެމި އޮވެވޭ ގޮތެއް ނުވިއެވެ. ޔަންގް ބޯއިސް އިން ކުޅުން ވަރުގަދަ ކޮށް ޔުނައިޓެޑުގެ ފަހަތައް ބާރު ބޮޑުކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޔަންގް ބޯއީސް ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ނަގަމަަލެއޫއެވެ.

މެޗުން ޔަންގް ބޯއީސް  މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައެވެ. ލިންގާޑް ދިން މިސްޕާހެއްގެ ފައިދާ ނަގާ މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިބެޗާއު އެވެ.

މި މެޗުގައި ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު ލިބިފައިވާ އިކާ ކަސިޔަސްގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ރޮނާލްޑޯ އާއި ކަސިޔަސް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގެ އަދަދު ވަނީ 177 އަށް އަރާފައެވެ.

ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހު ސްޕެއިންގެ ސެވިއްޔާއާއި ދެކޮޅަށެވެ. ޔަންގް ބޯއީސް ނިކުންނާނީ އިޓަލީގެ އެޓަލާންޓާއާއި ދެކޮޅަށެވެ.

ރޭ ވަނީ ޗެމްޕިއަނަސް ލީގުގެ ގުރޫޕް ސްޓޭޖުގެ އިތުރު މެޗެއްވެސް ކުޅެފައެވެ. ސެވިއްޔާ އަދި އެތަލާންޓާ ބައްދަލުކުރި އިރު، މި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް