މާލޭ ގެއެއްގައި ދޮންނަ މެޝިނެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މއ. ފެސިނޭޝަންގައި އެވެ. މިހާދިސާގައި އަނިޔާވެފައިވަނީ އެގޭ އަންހެނަކަށެވެ.
އެމީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ. އައިޖީއެމްއެޗުން ބުނީ ފިހިގެން ގެންދިޔައީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އެމީހާގެ ގައިގެ 70 ސެންޓު ފިހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 8:04 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން އެގެއަށް ދިޔަ އިރު އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ. އެކަމަކު އެގޭގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުން ނެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު އެންމެ ފުރަތަމަ ލިބުނީ ގޭސްފުޅިއެއްގައި ރޯވެގެން އުޅޭ ކަމަށްބުނެ ކަމަށެވެ.
އެމްއެންޑީއެފުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް