މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމަށް ހުޅުމާލޭގައި ހަރަކާތްތަކެއް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިޔަށް ގެންދާ މި ހަރަކާތްތައް ފަށާފައިވަނީ މިއަދު ހަވީރު ސެންޓްރަލް ޕާކުގައި އެވެ. މި ހަރަކާތްތައް ކުރިޔަށް ގެންދަނީ "ހުޅުމާލޭ ފޯ ރޮހިންޖާ" ގެ ނަމުގައި އެވެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި ފައިސާގެ އެހީ ވުމަށް ފެރީ ޓާމިނަލް ހުޅުމާލޭ ހޮސްޕިޓަލް އެޗްޑީސީ އޮފީސް އިމާރާތުގެ ިއތުރުން ސެންޓްރޯ ޝޮޕިން މޯލްގައި ފަންޑު ފޮށި ބަހައްޓާނެ އެވެ. އަދި ހުކުރު ހޮނިހިރުގައި ހަވީރު 4:00 ން 6:00 އަށް ހުރިހާ ޕާކެއްގައި ފޮށި ބަހައްޓާނެ ކަމަށެވެ.
މީގެ އިތުރުން އަންނައުނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ހަފްތާއެއްގެ ބަންދުގައި ވަނީ ހުޅުވާލާފަ އެވެ. އެޗްޑީސީން ނިންމާފައިވަނީ އަންނައުނުގެ ގޮތުގައި ލިބޭ އެއްޗެހި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މިމަހު ސަރުކާރުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްބަލް ސޭލްގައި ވިއްކައިގެން ލިބޭ ފައިސާ ރޮހިންޖާ ފަންޑަށް ޖަމާ ކުރާށެވެ.
ހުޅުމާލޭގައި ހިންގާ ހަރަކާތްތައް މިމަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް