މިއީ ރޮހިންޖާ މުސްލިމުންނަށް އެހީވަމުން އަންނަ އަބޫ ހާއިދު އަދި މިފަދަ ދެތިން ފަރުދެއްގެ ވާހަކަ

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމު ނަސްލު ނައްތާލުމަށް އެގައުމުގެ ސަރުކާރާއި ބުދުދީނުގެ އަހުލުވެރީން އަންނަނީ ލާއިންސާނީ އެތައް އަމަލެއް ހިންގަމުންނެވެ. އެ އަނިޔާތަކަށް ކެތް ނުކުރެވިގެ...

15 Sep 2017 | 05:48

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމު ނަސްލު ނައްތާލުމަށް އެގައުމުގެ ސަރުކާރާއި ބުދުދީނުގެ އަހުލުވެރީން އަންނަނީ ލާއިންސާނީ އެތައް އަމަލެއް ހިންގަމުންނެވެ. އެ އަނިޔާތަކަށް ކެތް ނުކުރެވިގެން މިހާތަނަށް އެތައް ލައްކަ ބަޔަކު އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައިވާކަމަށް އދ އިން ވަނީ ހާމަކޮށްފަ އެވެ.

މިއީ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން، ހާއްސަކޮށް ބައެއް އަމިއްލަ ފަރުދުން، ރޮހިންޖާގެ މުސްލިމުންނަށް ވަމުން އަންނަ އެހީގެ ކޮންމެވެސް މިންވަރެއް ހާމަކޮށްދޭ ލިޔުމެކެވެ. މިއީ އަލްޖަޒީރާގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާ އެވެ.

-----------------

އެކެއްގެ ނަމަކީ މެހެދީ ޗޯދުރީ އެވެ. އޭނާ އަކީ ކުޑަ އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ފަރާތެކެވެ. ފައިސާ އެއްކުރަމުންދިޔައީ ނިޝާން ސިލްފީ ބްރޭންޑްގެ ކާރެއް ގަތުމަށެވެ. ވެރިރަށް ދާކާގެ ބާރު ބޮޑު މަގުތަކުގައި ދުއްވުމަށެވެ. ރޮހިންޖާ މުސްލިމުން މިފަހަރު ބަންގްލަދޭޝްއަށް އަންނަން ފެށީ ޗޯދުރީ އޭނާގެ ހުވަފެނީ ކާރު ގަތުމަށް ފައިސާ ހަމަކޮށް ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

"ކާރު ގަންނަ ފައިސާ އެއް ކުރެވިއްޖެ، ނަމަވެސް އިންޓަނެޓުން ފެންނަމުންދިޔަ ފޮޓޯތަކަށް ބަލާފައި އަހަންނަކަށް ކެތެއް ނުކުރެވުނު، އިތުރަށް ފައިސާ ހުރި ނަމަ ހުރިހާ ފައިސާއެއް އެ ފަރާތްތަކަށް އެހީގެ ގޮތުގައި ދޭން އަހަރެން މިހުރީ ތައްޔާރަށް" ޗޯދުރީ ބުނެފައި ވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯގަސްޓް 25 އިން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ، ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް ގޮސްފަ އެވެ. އެންމެ ތިން ހަފްތާގެ މުއްދަތުގެ ތެރޭގަ އެވެ.

ރެފިއުޖީ ކޭމްޕްތައް ފުރި ތޮއްޖެހިފައިވާއިރު އެއްބަޔަކު ނިދަމުން އަންނަނީ މަގުތަކުގަ އެވެ. އަނެއް ބަޔަކު ކޭމްޕްތަކުގެ ކައިރީގަ އެވެ. ބަންގްލަދޭޝްގައި ގާއިމްކޮށްފައިވާ ކޭމްޕްތަކުގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް ތިން ލައްކަ ކަމުގައިވާއިރު މީގެ ކުރިންވެސް ރެފިއުޖީންގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ މީހުން އެޅެމުންދިޔަ އެވެ. އިތުރަށް ހަތަރު ލައްކަ އިތުރުވުމުން އެހީދޭ ޖަމާއަތްތައްވެސް މިވަގުތު ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އިތުރު އެހީތެރިކަމަށް އެދި އެދި އެވެ.

ޗޯދުރީ އޭނާގެ ހުވަފެނީ ކާރު ގަތުމަށް އެއްކުރި ފައިސާއަށް އޭނާ ގަތީ 500 ޓެންޓާއި ކާބޯތަކެތީގެ 500 ޕާރުސަލެވެ. ރޮހިންޖާ މުސްލިމުންނަށް ބެހުމަށްޓަކައެވެ. އެތަކެތީގެ އަގު ގާތްގަނޑަކަށް 8600 ޑޮލަރަށް އަރަ އެވެ.

"އެއީ މުސްލިމުން، އެމީހުންނަށް އެދަނީ ލާއިންސާނީ އަނިޔާ ދެމުން އެ އަނިޔާ ދެމުންދަނީ އެއީ މުސްލިމުންނަށް ވީތީ، އަހަންނަކީވެސް އިންސާނެއް" ޗޯދުރީ ބުނެފައި ވެ އެވެ.

ކޭމްޕްތަކުގައި ތިބި މީހުންގެ އާއްމު ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ބައިނަލް އަގްވާމީ "މައިގްރޭޝަން" ޖަމިއްޔާގެ މެމްބަރެއް ކަމުގައިވާ ކްރިމް ލޮން ބުނެފައިވަނީ ކާބޯތަކެއްޗަށްޓަކައި ތަޅާފޮޅުމާއި ވައްކަމާއި ފޭރުން މިހާރު ފެންނަން ފަށާފައިވާކަމަށާއި އެހީދިނުމުގައި ލިބެމުން އަންނަ ތަކެއްޗާއި ފައިސާ މަދުވުމުން އެހީދިނުމުގައި އިންތިހާއަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ޗޯދުރީ ވަނީ އޭނާއަށް ފެނުނު އެފަދަ މަންޒަރެއް ކިޔާދީފަ އެވެ. އެއީ ކާބޯތަކެތި ބެހުމަށް ޗޯދުރީއާއި އޭނާގެ ޓީމް ދިޔައީ ލޮރީއެއްގަ އެވެ. ޗޯދުރީ ބުނެފައިވަނީ އެއްވެފައިވާ މީހުންގެ ތެރެއަށް ކާބޯތަކެތި ދިއްކުރަމުންދިޔައިރު އެފަދަ މަންޒަރުތައް ފެނުނު ކަމަށެވެ. އަދި ލޮރީގައި ހުރި ކާބޯތަކެތި ހުސްވުމުން ލޮރީގެ ތެރެއަށް އަރައި އެމީހަކު އަތު ޖެހުނު އެއްޗެއް ހިފައިގެން އެމީހުން ދިޔައީ ކަމަށެވެ.

ޗޯދުރީ ފަދައިން އަބޫ ހާއިދު އަކީވެސް ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށްޓަކައި އޭނާގެ ހުރިހާ ވަގުތެއްހެން މިހާރު ހޭދަ ކުރަމުން އަންނަ އަމިއްލަ ފަރުދެކެވެ. އޭނާ އަކީ ދަނޑުވެރިއެކެވެ. އޭނާ އެކަނި ރޮހިންޖާގެ އަށް އާއިލާއަކަށް ބޯހިޔާވަކަން ވަނީ ފޯރުކޮށްދީފަ އެވެ. ގެރި ގެންގުޅުމަށް ތައްޔާރުކޮށްފައިވާ ހިޔާކުރި ތަނެއް ހުސްކުރުމަށްފަހު އެ އާއިލާތަކަށް އުޅެވޭގޮތަށް އޭނާ ވަނީ އެތަން ތައްޔާރު ކޮށްދީފަ އެވެ. އެ އާއިލާތަކަށް އޭނާ ކެއުމާއި ފެނާއި އަދި އެހެނިހެން އިންތިޒާމުތައް އަންނަނީ ހަމަޖައްސައިދެމުންނެވެ.

"އަހަރެން އެ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނީ އަހަންނަކީ އިންސާނަކަށް ވީތީ، އެ މަންޒަރު ބަލަން ކެތް ނުވާތީ، އެމީހުން އެ ތިބެނީ ވެހޭހާ ވާރެއެއްގައި، އެމީހުން ނިދާނެ ތަނެއް ނެތް، އެމީހުން އެތިބީ ގޮތް ހުސްވެފައި، އަހަންނަކީ މަހުޖަނެއް ނޫން، ހަމަ އާދައިގެ ދަނޑުވެރިއެއް، އަހަރެންގެ ބޮޑު އާއިލާއެއްވެސް އެބަ އޮތް، އެހެނަސް އަހަރެން މި މަސައްކަތް ކުރަނީ ވެވެން އޮތް އެހީތެރިކަމެއް ވުމަށް، އެހެނަސް އެއްވެސް ފަރާތަކުން އަދި އެހީތެރިކަމެއް ނުލިބޭ" އަބޫ ހާއިދު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް