ދިރާގުގެ ސީއީއޯގެ މަގާމުން އިސްމާއިލް ވަހީދު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް އިސްމާއިލް ރަޝީދު

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިޝަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ވަހީދު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އިސްމާއިލް ރަ...

15 Sep 2015 | 07:49

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިޝަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ވަހީދު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ދިރާގުން ބުނީ އިސްމާއިލް ވަހީދުގެ އިސްތިއުފާ ގަބޫލު ކުރެއްވުމާ ކުންފުނީގެ އާ ސީއީއޯ އަދި އެމްޑީގެ މަގާމަށް އިސްމާއިލް ރަޝީދު އައްޔަން ކުރުމާ ދެކަންތައް ނިންމީ ދިރާގުގެ ބޯޑުން ކަމަށެވެ. އަދި ރާއްޖޭގެ ކުންފުންޏާއި ބެހޭ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން އިސްމާއިލް ރަޝީދުވަނީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައިވެސް ހަމަޖައްސަވާފައި ކަމަށް ދިރާގުން ބުނެ އެވެ.

"މުއާސަލާތީ ސިނާއަތުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިސްމާއިލް ވަހީދަކީ، ކުރީގެ ކޭބަލް އެންޑް ވަޔަލަސް މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ދިރާގު އުފެދުމާއި އެކު ކުންފުންޏާއި ގުޅިވަޑައިގެންނެވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް، އިސްމާއިލް ވަހީދުގެ މޭސްތިރިކަމުގެ ދަށުން ދިރާގުން ވަނީ ރާއޖޭގެ މުއާސަލާތީ ހިދުމަތުގެ ތާރިހުގައި ބޮޑެތި އަދި މުހިއްމު ލަނޑުދަނޑިތަކެއް ކާމިޔާބާއެކު ހާސިލްކޮށްފަ، މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މުއާސަލާތީ ވިއުގައެއް ގާއިމުކުރައްވައި، ހަލުވި ދުވެއްޔެއްގައި ބަދަލުވަމުންދާ ވާދަވެރި ސިނާއަތެއްގައި އެ ސިނާއަތުގެ އެންމެ ކުރީގައި ސާބިތު ކަމާއެކު ދިރާގު ދެމެހެއްޓެވުމުގައި އިސްމާއިލް ވަހީދު ވަނީ ކާމިޔާބު ހޯއްދަވާފަ" ދިރާގުން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ 38 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އިސްމާއިލް ވަހީދު ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ސިނާއަތަށް އަދި ވަކިން ހާއްސަކޮށް ދިރާގަށް ކޮށްދެއްވާފައިވާ ބުރަ އަދި އަގުހުރި ހިދުމަތްތަކަށް ދިރާގުގެ މެނޭޖްމެންޓާއި މުވައްޒަފުންގެ ނަމުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ވަރަށް އިހްލާސްތެރި ޝުކުރެއް ދަންނަވާފައި ކަމަށެވެ. އަދި ދިރާގުގެ ބޯޑާއި މެނޭޖްމަންޓް އަދި މުވައްޒަފުންގެ ފަރާތުން އިސްމާއިލް ވަހީދަށް އެދެނީ ފާގަތި އަދި ބާއްޖަވެރި މުސްތަގްބަލެއް ކަމަށްވެސް ދިރާގުގެ ބަޔާނުގައި ވެ އެވެ.

" 1988ގައި ދިރާގާ ގުޅިވަޑައިގެންނެވި އިސްމާއިލް ރަޝީދު ކުންފުނީގެ މުހިއްމު އެކި މަގާމުތައް ފުރުއްވައި، ޗީފް އެގްޒެކެޓިވްގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ޒިންމާ އަދާކުރައްވައި، ދިރާގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމުގައި ޗީފް އެގްޒެކެޓިވް އޮފިޝާ އަދި މެނޭޖިން ޑިރެކްޓަރާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވޭ، އިސްމާއިލް ރަޝީދަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ރެޑިންގް އިން އެމްބީއޭ އަދި އެންގްލިއާ ޕޮލިޓެކްނިކް ޔުނިވާސިޓީއިން ޓެލެކޮމިއުނިކޭޝަންސް ސިސްޓަމްސް މެނޭޖްމެންޓް އެންޑް ޑިޒައިން އިން ބެޗެލާ އޮފް އިންޖިނިއަރިން ހާސިލް ކުރައްވާފައި" ދިރާގުގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންވުމާއި ގުޅިގެން ދިރާގުގެ ބޯޑާއި މެނޭޖްމެންޓް އަދި މުވައްޒަފުންގެ ފަރާތުން އިސްމާއިލް ރަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް