މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާ ބާއްވައިފި އެވެ.
ކަށުނަމާދުކުރިއަށް ގެންގޮސްފައިވަނީ ހަރަމްފުޅުގަ އެވެ. ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މިނާގެ ކައިރިން އަލް މޮއިސަމްގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނިޔާވި މީހުންނާ ބެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ކަށިނަމާދާއި ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
މީޑިއާއަށް މައުލޫމާތު ދެމުން މައްކާގައި ހުންނަ އިންޑިއާ ކޮންސުލް، ޖެނެރަލް ބީ އެސް މުބާރަކް ބުނީ ޖަނާޒާ ކުރިއަށްދިޔަ އިރުވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަ ކުރުމުގައި ހަރަމްގެ ފުލުހުން ހަރަކާތްތެވި ކަމަށާއި ނިޔާވި މީހުންގެ އާއިލާތަކަށް ދެ ފުރުސަތެއް ދިން ކަމަށެވެ.
"އާއިލާ ތަކަށް ދެ ފުރުސަތެއް ދިން، އެއީ ނިޔާވި މީހުން މައްކާ ބިމުގައި ފަސްދާނުލުން ނޫނީ ނިޔާވި މީހާގެ ހަށިގަނޑު އެ ގައުމަކަށް ގެންގޮސްދިނުން" މުބާރަކް ބުނެފައި ވެ އެވެ.
ޖަނާޒާގެ ކަންތައް ކުރިއަށްދިޔައިރު، ކެރޭނު ވެއްޓުނު ހާދިސާގައި އަނބި މީހާ ނިޔާވި ހައްޖާޖީ ސައީދު އިމްތިޔާޒް ބުނީ އޭނާގެ އެ ދެމަފިރިން ހަރަމްފުޅަށް އެދުވަހުގެ އެގަޑީގައި ދިޔައީ އަސްރު ނަމާދު ކުރަން ކަމަށާއި ނަމާދުކޮށް ނިމިގެންވެސް ހަރަމްފުޅުގައި މަޑުކުރީ އޭނާގެ އަންހެނުން އެތާނގައި މަޑުކޮށްލަން އެދުމުން ކަމަށެވެ. އަދި ވެއްޓުނު ކެރޭނުގެ ބަޔަކުން ޖެހި އަނބިމީހާ ނިޔާވީ މައިބަދަ ބިނދިގެން ކަމަށްވެސް ސައީދު ބުންޏެވެ.
ނިޔާވި މީހުންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވާއިރު ޒަހަމްވި މީހުންގެ ތެރެއިން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މިހާރު ފަރުވާ ދެމުން އަންނަނީ 22 މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް