ރެފިއުޖީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ރެފިއުޖީންނަށްޓަކައި ގްރީސް ނުވަތަ އިޓަލީގައި އަމިއްލަ ހަރަދުގައި ރަށެއް ތަރައްގީކުރަން ތައްޔާރު ކަމަށް އިއުލާނުކޮށްފައިވާ މިސްރުގެ ބިލިޔަނަރު ނަގުއިބް ސަވާރިސް އަށް ރާއްޖެއިން ދައުވަތު ލިބިފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ރަށްތައް މާ ކުޑަކަމަށް އޭނާ ބުނެފި އެވެ.
މިސްރުގެ ތިންވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ނަގުއިބް މިހެން ބުނެފައިވަނީ ޔޫރަޕްގެ މީޑިއާތަކަށް އިއްޔެ ދިން އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި އޭނާ ބުނެފައިވަނީ އޭނާގެ ޕްލޭން ހާމަކޮށް އިޓަލީ އަދި ގްރީސް އިން ރަށެއް ގަތުމަށް އިއުލާނުކޮށް އެ ދެ ގައުމަށް ރަސްމީކޮށް އެ ހުށަހެޅުންތައް ހުށަހެޅި ނަމަވެސް ދެގައުމުން ކުރެ އެއްވެސް ގައުމަކުން އަދި އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
ރެފިއުޖީ މައްސަލައަށް ހައްލެއް ގެނައުމަށް އޭނާ ހުށަހެޅި ހިޔާލަކީ އިޓަލީ ނޫނީ ގްރީކުން ރަށެއް ވިއްކައިފި ނަމަ އަމިއްލަ ހަރަދުގައި އެ ރަށެއް ތަރައްގީ ކުރުމަށެވެ. އަދި އެކަމަށް 2.9 ބިލިޔަން ޑޮލަރު ހަރަދު ކުރަން ތައްޔާރު ކަމަށެވެ. އެ ރަށަށް ކިޔަން ނިންމާފައިވަނީ ތުރުކީގެ ގޮނޑުދޮށަށް ލެއްގި އައިލާން އާ ގުޅުވައިގެން "އައިލާން އައިލެންޑް" އެވެ.
މި ހިޔާލު އޭނާ ޓްވީޓްކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އޭނާ ބުނީ ގްރީސް އާއި އިޓަލީން ޖަވާބެއް ނުލިބުނު ނަމަވެސް އެތައް ހާސްބަޔަކު މިކަމަށް ތާއީދުކޮށް މެއިލްތައް ފޮނުވަމުން އަންނަ ކަމަށެވެ. އަދި މިކަމަށް އެހީވުމަށް ދެ ފަރާތަކުން 10 މިލިޔަން ޑޮލަރު ހުށަހަޅަން ތައްޔާރުކަމަށް ބުނެފައިވާއިރު މިކަމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ކަމަށްވެސް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށް ނަގުއިބް ބުނެފައި ވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ރަށެއް ތަރައްގީ ކުރަން ބޭނުންވަނީ މިހާރުވެސް ރެފިއުޖީން ހިޖުރަ ކުރަމުން އަންނަ ގައުމެއްގައި ކަމަށާއި އެރަށް ތަރައްގީ ކުރުމަށްފަހު އޭނާވެސް ދިރިއުޅޭނީ އެ ރަށުގައި ކަމަށެވެ. ނަގުއިބްގެ މި ހިޔާލާމެދު ފާޑުކިޔުންތައް އަމާޒު ކުރާ ފަރާތްތަކަށް ރައްދު ދެމުން އޭނާ ބުނީ ރައްދު ދިނުމާއި މޮޅު ވާހަކަތައް ދެއްކުމުގެ ބަދަލުގައި އޭނާގެ ހިޔާލަށްވުރެ މޮޅު ހިޔާލެއް މިކަމުގައި ދެއްކުން މާ ރަނގަޅު ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް