އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަސް ރަންމެޑަލް ހޯދައިދިން ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު، ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
އިއްޔެ ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ފަރާތުން ސާއިދުއަށް ވަނީ ޖޯޒީ ހަދިޔާކޮށްފައެވެ. ހަދިޔާކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ސާއިދު ވުމުން ކުރިއަށް އޮތް ދެ އަހަރު ދުވަހު ދިރާގުގެ އެކި ހަރަކާތްތަކުން ސާއިދު ފެނިގެން ދާނެކަމަށް ދިރާގުން ބުނެ އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަމުން ސާއިދު ބުނީ ދިރާގު އޭނާގެ އަގުވަޒަންކޮށްފައިވާ ކަމަށާއި މުސްތަގުބަލުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ދެމިހުންނާނެ ކަމަށެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އެމްބެސެޑަރުންނަށް ހަމަޖައްސަނީ ގައުމަށް ރީތި ނަން ހޯދައިދޭ ސަހުސިއްޔަތުން ކަމަށާއި ދިރާގުގެ މަގުސަދަކީ އެފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް ދިރާގުގެ ފަރާތުން ހިތްވަރު ދިނުން ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސްގައި 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ސާއީދު ވަނީ ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް