ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، މަސްތުވާތަކެތީގެ މައްސަލައިގައި އުމުރަށް ޖަލަށް ލީ އެތައް ބަޔަކު މިނިވަން ކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާން ތުހުމަތު ކުރައްވައިފިއެވެ.
މި ސަރުކާރުން ވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭ ގޮތަށް ގާނޫނަށް އިސްލާހު ގެނުމަށް ނިންމަވާފައެވެ.
" ވަރަށް ރަގަނޅު ނިންމުމެއް! އިބޫ ސޯލިހު ގެ ސަރުކާރުން ވަނީ މަސްތުވާތަކެތި ވިއްކައިގެން އުމުރަށް ޖަލަށް ލާފަ ތިބި އެތައް ބަޔަކު މިނިވަން ކޮށްފަ!" އަޒާން ވިދާޅުވިއެވެ.
އަޒާން މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން، މިހާރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު100،000ރ އިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އެގޮތުން ގާނޫނަށް އިސްލާހު ގެނުމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެކުލަވާލި ބިލުގައި ހިމަނާފައިވާ ޖަދުވަލު އެކެއް ގައިވަނީ މަސްތުވާ ތަކެތި ވަކި އަދަދަކަށް ވުރެން ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ.
އެ އިސްލާހުގެ ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންނަނީ ތައްޔާރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް