ނައީމާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަވާޒް ކަމަށް ދައުލަތުން ބުނެފި

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެ ރަށުގެ ، އަންނާރުމާގެ، ނައީމާ މޫސާ (62އ) މަރާލުމުގައި އިސްކޮށް ހުރީ އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ހުސައިން ފަވާޒް...

15 Aug 2024 | 09:45

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެ ރަށުގެ ، އަންނާރުމާގެ، ނައީމާ މޫސާ (62އ) މަރާލުމުގައި އިސްކޮށް ހުރީ އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ހުސައިން ފަވާޒް ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ފަވާޒް(21އ)ގެ އިތުރުން، އަހުޒަމް އަބްދުއްޝަކޫރާއ (23އ)، އަބްދުއްވާހިދު ރިފާސް (21އ)ގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ދައުވާ އިއްވުން ވަކިވަކިން މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ދައުވާއަށް ފަވާޒް އިންކާރުކޮށްފައި ވީ ނަމަވެސް ދައުލަތުގެ ވަކީލު ޝަރިއަތުގައި ވިދާޅުވީ އަހުޒަމާއި ރިފާޝްއަށް އެކަން ކުރުމަށް ވިސްނާ ދިން މީހަކީ ފަވާޒް ކަމަށެވެ. އަދި ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި ސިހުރު ހަދާ މީހުން މަރާލުމުން ފާފައެއް ނޫވާނެ ކަމަށް ވެސް ފަވާޒް ވަނީ އެމީހުންނަށް ވިސްނާ ދީފައިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި އޭޕްރިލް މަހުގެ ހަވަނަ ދުވަހު ނައީމާ މަރާލުމަށް އެރޭ ދަންވަރު އޭނާގެ ގެ ކައިރިއަށް އަހުޒަމާއި ރިފާސް ކާރުގައި ގެންގޮސްދިނީ ވެސް ފަވާޒް ކަމަށާއި، އެ ދެމީހުންނަށް ނައީމާ މަރާލުމުގެ އަގު ދީފައިވަނީ މަސްތުވާތަކެތިން ކަމަށް ވެސް ޝަރީއަތުގައި ވަކީލު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ރިފާސް ބުނީ އޭނާގެ މައްޗަށް ކުރި ތިން ދައުވާއަށް ޖަވާބު ދޭން އެނގޭނީ އޭނާގެ ވަކީލާ ވާހަކަދެއްކުމަށް ފަހު ކަމަށެެވެ. އޭނާ ބުނީ ވަކީލު ފޮނުވި ލިޔެކިޔުން ހުރީ ވާރޭ ވެހުމުގެ ސަބަބުން ހަލާކުވެފައި ކަމަށާއި އޭގެ ސަބަބަުން ދައުވާތަކަށް އެއްބަސްވާންވެސް ނުވަތަ އިންކާރު ކުރާކަށް ވެސް ނޭގޭ ކަމަށެވެ.

މި ތިން މީހުންގެ މައްޗަށްވެސް އުފުލާފައިވާ ދައުވާ އަކީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް