ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް ވިއްސާރަ އަދި ވަޔާއި ކަނޑުތައްވެސް ގަދަ ދުވަހެއް ކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވަނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
"ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖެއާއި އުތުރުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި އަދި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމުގައި މެޓުން ބުނެފައިވެއެވެ.
މިއަދު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ހަތް ފޫޓު އަދި މެދުރާއްޖެއާއި އުތުރުގައި ހަތް ފޫޓާއި ނުވަ ފޫޓާއި ދެމެދުގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް