މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އ...

15 Aug 2023 | 16:09

ރ. މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މިއަދު ސޮއެކުރެވޭ، މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މާކުރަތުގެ ހުޅަނގު ފަރާތު ގޮނޑުދޮށް ރަށް ގިރުމުގެ ނުރައްކަލުން ހިމާޔަތްކުރެވޭނެއެވެ.

އަދި، ރާޅުއެރުމާއި އުދައެރުން ފަދަ ޤުދުރަތީ ކާރިސާތަކުންވެސް ރަށު ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރަށް، 5,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިން މަސައްކަތާއި، 317 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫޢަކީ 12.12 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް