އއ. ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ އިތުރަށް، 4,268 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރަށް، 213 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 403 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އަދި 2,481 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢު ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. ހަމައެފަދައިން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށް ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު އެ ކުންފުނި އާއި ހަވާލޫކުރެވިފައިވަނީ މިއަހަރު މޭ 16 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިންނެވެ. އަދި މި މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް