ހުއްދަ ނެތި އުމްރާއަށް ގެންދާ ގްރޫޕްތަކަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފި

ހުއްދަ ނެތި އުމްރާއަށް ގެންދާ ގްރޫޕްތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ. ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި...

15 Aug 2023 | 10:48

ހުއްދަ ނެތި އުމްރާއަށް ގެންދާ ގްރޫޕްތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ އެއްގޮތަށް މިނިސްޓްރީން ހުއްދަ ނުލިބި، ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކުން އެއްވެސް ބަޔަކު އުމްރާއަށް ގެންދިއުމަކީ މަނާކަމެކެވެ.

އެ އުސޫލުގެ ދަށުން، އުމްރާއަށް މީހުން ގެންދަން ހުއްދަ ދޭނީ ޖެހިޖެހިގެން ދެ އަހަރުއެވެ. އެ ހުއްދަ ނެތި، ނުވަތަ އުމްރާ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އެ އުސޫލާ ހިލާފު ކަމެކެވެ.

އެހެންކަމުން، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިލްތިމާސް ކޮށްފައި ވަނީ، ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ނުދެއްކުމަށާއި މިނިސްޓްރީގެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށެވެ.

އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލު ކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަން ވާނީ އެމީހަކު އަމިއްލައަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް