ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ގޮވާލައިފި

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުމަށް ފުލުހުން ގޮވާލައިފިއެވެ. ސައިބަރ ސްޕޭސްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކ...

15 Aug 2023 | 10:03

ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވެދާނެ ލޯބި ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވެ، ސަމާލުވެތިބުމަށް ފުލުހުން ގޮވާލައިފިއެވެ.

ސައިބަރ ސްޕޭސްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުންދާ ސްކޭމް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ފުލުހުން ބުނީ މިފަދަ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކުރެވޭކަމެވެ. މި ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެން ކަމަށާއި، އެއީ ޑޭޓިންގ ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެއެވެ. ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި، ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި ވަގަށް ނަގާފައިވާ ފޮޓޯތަކާއި، ފިކްޝަނަލް ނަންތަކާއި، އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން، ސްކޭމްކުރާ މީހުން މަޖުބޫރު އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދައެވެ. އަދި ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު، ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށެވެ.

ހަމައެފަދައިން، ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރެއެވެ. އަދި ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތަކުން ކަމަށް ފުލުހުން ބުނެއެވެ.

އަދި ސްކޭމްކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ބައެކެވެ. މިސާލަކަށް، ލޯބިވާ މީހަކު ދާދި ފަހުން ގެއްލިފައިވާ ނުވަތަ އެކަނިވެރިވެ، އެކުވެރިކަން ހޯދަންއުޅޭ މީހުންނަށް އަމާޒުކޮށް މިފަދަކަންކަން ކުރަމުންގެންދެއެވެ.

ގުޅުން ކުރިއަށްދާ ވަރަކަށް ހިޔާނާތްތެރިން މަސައްކަތްކުރަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ގިނަ ފަހަރަށް އަނިޔާލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.

މީގެ އިތުރަށް، ގުޅުމުގެ ތެރޭގައި ބައެއް ފަހަރު ޚިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ، މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދައެވެ. އެމީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން، އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދޭ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު އިތުބާރު ގާއިމުވުމުން، ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައި ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި ދަތުރުފަތުރުގެ ހަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި ބައެއް ހާލަތްތަކުގައި ޚިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ހިލާފަށްކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑަރ ކޮށްފާނެ ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ވިކްޓިމަށް ވިސްނައިދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ބަލައިގަތުމަށްފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފަރ ކުރުމަށް ކަމަށް ފުލުހުން ހާމަކުރައެވެ.އޭނގެފަހުން އަނިޔާލިބުނު މީހާގެ އަތުން ފައިސާ ނަގައި، ޚިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލެއެވެ. އަދި ވާހަކަދެއްކުން ހުއްޓައިލާ ގުޅުން ކަނޑާލާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް، ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވުމަށް ފުލުހުން ބުނެއެވެ. އަދި އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވުމަށްވެސް ބުނެއެވެ.

އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް، އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދާމަށާއި، އަދި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރުމަށް ފުލުހުން ބާރުއެޅުވިއެވެ.

"ހަނދާނުގައި ބަހައްޓަންވީކަމަކީ، ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް" ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ފުލުހުން ބުނީ މިކަމުން ސަލާމަތްވުމަކީ ފަރުދީ ޒިންމާއަކަށް ހެދުމަށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް