ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވާފައިވާ ބަނދަރަކުން އަރާ ރައީސް ވީ ވައުދުތައް ނޫނީ ވާން ޕީއެންސީގެ ކެނޑިޑޭޓް ޑޜ. މުހައްމަދު މުއިއްޒަށް އެނގިވަޑައި ނުގަންނަވާ ކަމަށް 'އިބޫއަސްލަމް' ގެ ރިޔާސީ ކެެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެެއެވެ.
މާރިޔާ މިހެން ވިދާޅުވީ، މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާރިޔާ ވިދާޅުވީ، އިދިކޮޅުން ކެނޑިޑޭޓަކު ނެރުނީ ޕްރައިމަރީއަކާ ނުލައި، ކުއްލިއަކަށް ކަމަށެވެ. އަދި މެނިފެސްޓޯއެއް ނުވަތަ ކަންކަން ކުރާނެ ގޮތުގެ ހިސާބު އިދިކޮޅުން ޖައްސަވާފައި ނެތް ކަމަށެވެ.
"(މުއިއްޒު) މޮޅަދޫއަށް އަރާވަޑައިގަންނަވަނީ ރައީސް ސޯލިހު ހެއްދެވި ބަނދަރަކުން. އަރާ ވަޑައިގެންފަ މި ވިދާޅުވަނީ، ތިމަންނަމެން ބަނދަރު ހެދުމާ ދެންވެސް ހުރި ކަންކަން ކޮށްދޭނަމޭ. ނެތޭ ބެއްލެވިފައެއް މޮޅަދޫ ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްކަން ވެސް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މޮޅަދޫގައި ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ބަނދަރު އޮތީ ނިމިފައި ކަމަށެވެ. އަދި ރައީސް ސޯލިހެ ކެމްޕޭނަށް މޮޅަދޫއަށް އަރާވަޑައިގެން، މޮޅަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ބަނދަރަށް އިތުރު ކުރަންޖެހޭ ބައި ކުރިއަށް އޮތް ދައުރުގައި ނިންމަވައިދެއްވާނެ ކަަމށް ވިދާޅުވެފައި ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އޭގެ އިތުރުން، މޮޅަދޫ ފުޓްބޯޅަ ދަނޑާއި މަލްޓިޕާޕަސް ހޯލު އަޅާދޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާ ވާހަކަ ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެކަންކަމުގެ 80 ޕަސެންޓް މަސައްކަތް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން މުއިއްޒު ވައުދުވެލައްވަނީ އެއްވެސް ކަހަލަ ދިރާސާތަކެއް ނެތި،އެހެން މީހުންވެސް ތަންތަނުގައި ވައުދު ވާތީ، ވައުދެއް ވުމުގެ ބޭނުމުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް