ރީ-ރެޖިސްޓްރީ ކުރި މީހުން ގިނަވެ، އިތުރު ހަތް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، މާލޭސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 40 ވޯޓު ފޮށްޓަށް ބަދަލު ގެނެވިފައިވާ ކަމަށާއި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު ހަތް ވޯޓުފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިތުރު ކުރެވުނު ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާލޭ ރައްޔިތުންގެ ދެ ނަންބަރު ވޯޓު ފޮއްޓަކާއި ހަ ނަންބަރު ވޯޓު ފޮށީގެ އިތުރުން، ނ. އަތޮޅު- މާލެ 1، ނ. އަތޮޅު- މާލެ 4، އއ. އަތޮޅު-މާލެ 1، އއ. އަތޮޅު މާލެ-2، ތ. އަތޮޅު-މާލެ1، ތ.އަތޮޅު-މާލެ 5، ލ. އަތޮޅޫ-މާލެ3، ލ. އަތޮޅު-މާލެ 4، މެލޭޝިއާ-ކުލަލަމްޕޫރް-1، މެލޭޝިއާ-ކުލަލަމްޕޫރް-2، މެލޭޝިއާ-ކުލަލަމްޕޫރް-3، ބ. އަތޮޅު -މާލެ1،2،3 ވޯޓު ފޮއްޓެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާއިރު އޭގެ ތެރޭގައި މާލޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާ 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް