މާލޭ މީހުންނަށް ގޯތި ދޭއިރު އަޅުގަނޑަށް ނުލިބެންވީ ސަބަބެއް ނެތް: ރޮޒެއިނާ

މާލޭ އެހެން ރައްޔިތުންނަށް ހައްގުވާ ގޯތި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއަށްވެސް ހައްގު ވާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުނ...

15 Aug 2023 | 04:52

މާލޭ އެހެން ރައްޔިތުންނަށް ހައްގުވާ ގޯތި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއަށްވެސް ހައްގު ވާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގޯތި ދިން އިރު، ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ތެރޭގައި ރޮޒެއިނާވެސް ހިމެނިވަޑައިގަންނަވައެވެ. އެކަކަށް ފާޑުކިޔައި ޓުވިޓަރ ގައި މީހަކު އާއްމު ކުރި ފޮޓޯއަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އެކަމަނާގެ ގޯއްޗެއް ނެތް ކަމަށާއި، ބައްޕަގެ އޮތީ 12 ބަޔަށް ބަހަން ޖެހޭ 2000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.

"އަޅުގަނޑަކީވެސް މާލޭ ރައްޔިތެއް. އެކަމަކު މާލެއިން 100 އަކަފޫޓުވެސް ނުލިބޭ. ސޯ، މާލޭ ރައްޔިތުންނަށް ގޯތި ދޭއިރު އަޅުގަނޑަށް ނުލިބެންޖެހޭ ސަބަބެއް ބުނެދެއްވާ" ރޮޒެއިނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރޮޒެއިނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކޮށްގެން ހުރި ނަމަ އެކަމަނާއަށްވެސް ގޯތި ހައްގުވާނެ ކަމަށް މީހުން ބުނާނެ ކަމަށެވެ. ނަމަވެސް ނަޝީދުއަށް ތާއީދު ނުކުރާތީ އެކަމަނާގެ އަބުރު ކަލިތަނީ ކަމަށެވެ. އަދި އެކަން ރައްޔިތުން ބަލައިގަންނަ ވަރު މިފަހަރު އެނގިގެންދާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު އޮންނާނެކަމަށާއި އަދި ހުޅުމާލެއިން ބިން ލިބޭ ފަރާތްތަކަށް ގޯތި ކަނޑައިދިނުންވެސް މިއަދު ފަށާނެކަން ނޭޝަނަލް ހައުސިން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ މިނިސްޓްރީން ރޭ މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު ގުރުއަތު ނެގުން މިއަދު ހެނދުނު 11:00ގައި ގަލޮޅު ދަނޑުގައި ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޕްލޮޓް ނަމްބަރު އެނގި ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތައް ބިންކަނޑަން ދާންވީ ތަނާއި ވަގުތު ފޯނުން ގުޅައި އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ރޭ އިތުރަށް ބުނީ ގުރުއަތު ނަގަން ދާންވީ ވަގުތު ރޭ 10:00 އިން ފެށިގެން ޕޯޓަލްއިން ފެންނާނެ ކަމަށާއި އެ ގަޑިއަށް ގަލޮޅު ދަނޑަށް ދިއުމުން ގޯތި ލިބޭ އަކަފޫޓުން ފޮށިތައް ބަހައްޓާފައި ހުންނާނެކަމަށެވެ. އަދި އެ ފޮށިތަކުން ނަގާ ކަރުދާސްކޮޅުގައި ޕްލޮޓް ނަމްބަރާއި ގޯތި ލިބޭތަން ލިޔެފައި އޮންނާނެކަމަށްވެސް މިރޭ އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް