ރައީސްގެ އަނބިކަނބަލުން "ދާލަން" ކްލިނިކް ހުޅުއްވައިދެއްވައިފި

ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމުކޮށްފައިވާ "ދާލަން" ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިކަމަށްޓަކައި...

14 Aug 2023 | 19:34

ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމުކޮށްފައިވާ "ދާލަން" ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި ކްލިނިކް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނެފައިވެއެވެ.

"ދާލަން" ކްލިނިކަކީ ހުޅުމާލެ ހާފްވޭހައުސްގައި ޤާއިމްކޮށްފައިވާ އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށްފުޅާކޮށް، އަންހެނުންނަށް ޚާއްޞަ ބަލިތަކާއި މި ނޫންވެސް އާ ޚިދުމަތްތަކާއެކު ހުޅުވިގެންދާ ކްލިނިކެކެވެ.

މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތައް ޚާއްޞަކުރެވިގެން ދާނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި ޢާއިލާރޭވުމުގައި އަންހެނުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކަށް އަމާޒުކުރެވިގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި، އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމާއި، އެޑިކްޝަންއަށްފަރުވާދިނުމާއި، މައިނަރ ޕްރޮސީޖަރގެ ޚިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ ފަދަ ޚިދުމަތްތައް ހިމެނޭ ކަމަށްވެސް އެއޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ އެހީތެރިކަމާއެކު މިކްލިނިކުގައި ކުރިޔަށްގެންދެވޭ ޚިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ޞިއްޙަތާއި ޢާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަޙުލުވެރިކުރުން ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.

އަދި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތް މި ކްލިނިކުން ފޯރުކޮށްދޭއިރު، މާލޭ އޭރިޔާގައި ފަސޭހައިން އައުޓްޕޭޝަންޓް ޚިދުމަތް އަދި އެހެން ސަރަޙައްދުތަކުގައިދިރިއުޅޭ ފަރާތްތަކަށް ވަރޗުއަލްކޮށް ޚިދުމަތް ލިބޭނެ އިންތިޒާމުވެސް މިތަނުގައި ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މި ކްލިނިކް ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ މި ކްލިނިކް ބައްލަވައިލައްވައި ކްލިނިކުން ޚިދުމަތް ހޯދަމުންދާ ބައެއް ފަރާތްތަކާބައްދަލުކޮށްލައްވާފައެވެ.

ހަމައެފަދައިން އެކަމަނާ ވަނީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ނޭޝަނަލް ޑްރަގްއެޖެންސީ (އެން.ޑީ.އޭ)އާއި ހުޅުމާލެ ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް އަދި ދާލަންގެ އިސްވެރިންނާއި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެހުރިހާފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް